ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މިހާތަނަށް 53 ޝަކުވާއެއް އިންތިހާބާ ބެހޭ ކޮމެޓީއަށް ހުށައަޅާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ދެންމެ ބުނެފި އެވެ. ގާނޫނީ ޓީމުން ބުނީ ހުށައެޅި މައްސަލަތަކުގެ ތެރޭގައި އިންތިހާބުގެ ނަތީޖާއަށް ބޮޑެތި ބަދަލުތަކެއް އަންނަ ވަރުގެ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ވޯޓާސް ލިސްޓްގައި ނަން ނެތް މީހުން ވޯޓްލާފައިވާ މައްސަލަ އާއި ލިސްޓްގައި ތިބި މީހުންގެ ނަމުގައި އެހެން މީހުން ވޯޓްލާފައިވާ މައްސަލަތަކާއި ނަތީޖާ ޝީޓްތައް ދިމާ ނުވާ މައްސަލައާއި އައިޑީ ކާޑް ގަތް މައްސަލަތައް ހިމެނެއެވެ.
މީގެ އިތުރުން ފައިސާއާ ނުފޫޒު ބޭނުންކުރި މައްސަލަތަކާއި ވޯޓްލާން އައި ބައެއް މީހުންނަށް ހުރަސް އެޅުމާއި ބިރު ދެއްކުމާއި ވޯޓާސް ލިސްޓް ފެންނަން ނެތް މައްސަލައާއި ވޯޓާސް ލިސްޓަށް އުނިއިތުރު ގެނައި މައްސަލައެއްގެ އިތުރުން ހެޔޮ ހާލުގައި ތިބި މީހުން ގޮވައިގެން ދާ މީހުން އެ މީހުންގެ ނަމުގައި ވޯޓްލީ މައްސަލައެއް ހިމެނެއެވެ.
އަދި އިންތިހާބާ ގުޅޭ އިދާރީ އެތައް ޝަކުވާތަކަކާއި މައްސަލަތަކެއްވެސް ހިމެނެއެވެ.