ފައްޔާޒާއި އެކު ދެހާސް ތޭވީސް ކާމިޔާބުރެވޭނެ: ރައީސް ސޯލިހް
ދެންމެ | 19 މެއި 2022

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވެފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ރަނގަޅު މިސްރާބަކަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.

ރައީސް އޮފީހުގައި މިއަދު ފައްޔާޒާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްޔާޒުގެ ހިންގުމުގެ ތަޖުރިބާއާއެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފައްޔާޒާއި ބައްދަލުކުރައްވައި މަރުހަބާ ދަންނަވާފަ އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ސޯލިހު މިހާތަނަށް އިއުލާންކުރައްވާފައި ނުވާއިރު މި އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު ވަނީ އިއުލާންކުރައްވާފަ އެވެ.

ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނު ތެރޭގައި ފައްޔާޒު ވަނީ ރައީސް ސޯލިހު އިތުރު ދައުރަކަށް އިންތިހާބު ކުރަން ބޭނުންވާކަން ހާމަކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!