ރަށްފުށުގެ ކަނބަލުންގެ ގައިން ކުރިން ވަސް ދުވާކަމަށް ކޮމަަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.
ރާޝިދު އެގޮތަށް ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް މިއަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގެ ތެރެއިންނެވެ.
ރާޝިދު ވިދާޅުވީ މި ސަރުކާރަަކީ ވަރަށް ބަރާބަރަށް ރަނގަޅަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި އެހެންކަމުން ލޯނު އިތުރަށް ނަގައިގެންވެސް ރައްޔިތުންނަށް ކަންކަން ކޮށްދޭނެނަމަ އެކަން އުފަލުން ބަލައިގަންނާނެ ކަމަށެވެ،
ހަމަ އެހެންމެ އައި ތަރައްގީއާއެކު ރަށްފުށުގައި ވެސް ފެނުގެ ނިޒާމް ގާއިމްވެ އޭގެ އަސަރު ރަށްރަށުގެ ލޯބި ޗާލުކުދިންގެ މޫނުމަތިން އެކަން ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
”އެ ބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އެ ބޭފުޅުން ގައިން މާ މީރު ވަހެއް ނުދުވާ، އެއީ ޗަކަ ފެނުން ފެން ވަރަން ޖެހޭތީ، މިއަދު ވަރަށް ރީތި ސާފު ލޯބި ފެނުން ފެންވަރައިގެން އެ ތިބީ،“ ރާޝިދު ވިދާޅުވި އެވެ.
ރާޝިދު އެފަދައިން ވިދާޅުވުމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވަނީ ނިޒާމީ ނުކުތާ ނަންގަވައި ރާޝިދުގެ ވާހަކައަކީ ބޭއަދަބީ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އެއާއެކު ދެން ފެނުނީ ރައީސް ނަޝީދު ވެސް އިލިޔާސްއާ އެއްބައިވެ އެއީ ބޭ އަދަބީ ކަމެއް ކަން ހަނދާން ކޮށްދެއްވައިފަ އެވެ.
”ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،“ ނަޝީދު ވިދާޅުވި އެވެ.