ރިހާނާ ފިރިހެން ކުއްޖެއް ވިހައިފި.
ދެންމެ | 20 މެއި 2022

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

ޓީއެމްޒީން ރިޕޯޓްކުރި ގޮތުގައި ރިއާނާ ވިހެއީ މި މަހު 13 ގައި، އެމެރިކާގެ ލޮސް އެންޖެލެސްގަ އެވެ. އެކަމަކު ރިއާނާ، އޭނާގެ ފުރަތަމަ ދަރިފުޅު ވިހެއި ޚަބަރު، އޭނާގެ ޓީމުން މީޑިއާ އަށް ކަށަވަރުކޮށްނުދޭ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ބާބޭބޯސް އަށް އުފަން އުމުރުން 34 އަހަރުގެ ލަވަކިޔުންތެރިޔާ ބަލިވެއިން ކަން އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭނާ އުޅުނީ ބަލިވެއިން ކަން ވަރަށް ގިނަ ދުވަސް ވަންދެން އާންމުންނަށް ސިއްރުކޮށްގެންނެވެ. އެއީ ވަރަށް އުނދަގޫވި ކަމެއް ކަމަށް އޭނާ ބުންޏެވެ.

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ރިއާނާ އާއި އޭނާގެ ބައިވެރިޔާ ރެޕް ލަވަކިޔުންތެރިޔާ އޭސެޕް ރޮކީއާ.

ރިއާނާއާ އޭނާގެ ބައިވެރިޔާ، ރެޕް ލަވަކިޔުންތެރިޔާ އޭސެޕް ރޮކީއާ ގުޅުނީ 2020 ގަ އެވެ. އެކި މަސައްކަތްތަކުން ދިމާވެ، ހާއްސަ ގުޅުމެއް އުފެދި، އެކީގައި އުޅެން ފެށި އެވެ. އަދި މިއީ އެ ދެމީހުންގެ ވެސް އަލަތު ދަރިފުޅެވެ.

ޖީކިއު މެގަޒިން އަށް ކުރިން ދިން އިންޓަވިއުއެއްގައި ރޮކީ ބުނެފައި ވަނީ ރިއާނާ އަކީ އޭނާގެ ”މުޅި ހަޔާތުގެ ލޯބި“ ކަމަށެވެ. އަދި ރިއާނާ އެކު ކުއްޖަކު ބޭނުންވާ ކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް