އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކުރަން ދެ ގައުމުން އެއްބަސްވެފައިވާކަމަށް މީޑިއާތައް ބުނެފިއެވެ.
ބޭރުގެ މީޑިއާތައް ބުނާގޮތުގައި އެ ދެ ގައުމުން ވަނީ ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުކޮށް ދެ މަސް ދުވަހުގެ ތެރޭގައި އެމްބަސީތައް ހުޅުވަން އެއްބަސްވެފައެވެ.
މައުލޫމާތު ލިބިފައިވާގިތުގައި މި އެއްބަސްވުމަށް އައިސްފައިވަނީ ބެއިޖިންގައި ބޭއްވި ދެ ގައުމުން ބޭއްވި މަޝްވަރާތަކުގައެވެ.
އިރާނާއި ސައުދީއިން ސިޔާސީ ގުޅުން އަލުން ގާއުމުކުރަން ނިންމާފައިވާކަމަށް އަޑު ފެތުރިފައިވާއިރު އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ޝަމްޚާނީ ސައުދީގެ ގައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު މުސާދު ބިން މުހައްމަދު އަލް އައިބާން އާއި ޗައިނާގެ އެންމެ ސީނިއާ ޑިޕްލޮމެޓް ވަންގް ޔީއާ އެކު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އާންމުކޮށްފައެވެ.
މީގެއިތުރުން ސަޢޫދީ ޕްރެސް އެޖެންސީން ބުނެފައިވަނީ ސައުދީ އަރަބިއްޔާ އާއި އިރާނުން ދެ ގައުމުގެ ދައުލަތުގެ ސިޔާދަތަށް އިޙްތިރާމްކުރުމަށާއި، އެއް ބަޔަކު އަނެއް ބައެއްގެ ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމަށް އެއްބަސްވެފައިވާ ކަމަށެވެ.