އެންމެންގެ ކަޅި ޖޮނީ ޑެޕްގެ ވަކީލު ކެމީލްއަށް.
ދެންމެ | 20 މެއި 2022

ކުރީގެ އަނބިމީހާ އެމްބާ ހާޑްއާ ދެކޮޅަށް ޖޮނީ ޑެޕް ކޯޓަށް ހުށަހަޅާފައިވާ އަބުރުގެ ދައުވާގެ އަޑުއެހުންތަކުގެ ފަސްވަނަ ހަފްތާގައި އެންމެންގެ ސަމާލުކަން ހޯދީ ޑެޕްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކެމީލް ވަސްގެސް އެވެ.

އެ މައްސަލާގައި ޑެޕްގެ ފަރާތުން ވަކާލާތު ކުރަނީ މަޝްހޫރު ލޯފާމު ބްރައުން ރަޑްނިކް އިންނެވެ. ކެމީލް އަކީ އެ ލޯފާމުގައި މަސައްކަތްކުރާ ވަކީލެކެވެ. ކެމީލް އަށް ސަމާލުކަން ހުއްޓުނީ މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި އެމްބާ ހާޑް އަށް ކުރިމަތިކުރާ ސުވާލުތަކާ ގުޅިގެންނެވެ. ހޫނު ސުވާލުތަކެއް ކެމީލްގެ ފަރާތުން ހާޑް އަށް ކުރިމަތި ކުރުވާއިރު ރައްދު ޖަވާބާ ގުޅިގެން ކުރާ ސުވާލުތައް ވެސް ވަރުގަދަ އެވެ.

ޔޫޓިއުބް އިން މި އަޑުއެހުންތައް ލައިވް ސްޓްރީމު ކުރާއިރު، ސޯޝަލް މީޑިއާގައި ކެމީލް އަށް ތައުރީފުކޮށް މީހުން ދަނީ ވާހަކަ ދައްކަމުންނެވެ.

ކެމީލް އަކީ ރެޕިއުޓޭޝަން މެނޭޖުމެންޓު ކޭސްތަކުގައި މަސައްކަތްކުރާ، ހާއްސަކޮށް އަބުރުގެ މައްސަލަތަކުގައި ވަކާލާތު ކުރާ މޮޅު ވަކީލެކެވެ. މީގެ އިތުރުން ވަޒީފާއާ ގުޅުންހުރި މައްސަލަތަކުގައި ވެސް އޭނާ ވަކާލާތުކޮށްދެ އެވެ.

ކެމީލްގެ އިތުރުން ޑެޕްގެ ވަކީލުންގެ ޓީމުގައި ދެން ހިމެނެނީ ބެން ޗޫ، ސްޓެފަނީ ކެލްނަން، އެންޑްރޫ ކްރޯފޯޑް، ރެބެކާ މެކްޑަވެލް، ޔަރެލީން މެނާ، ޖެސިކާ މޭޔާސް އަދި ސެމުނެލް މޮއިޒް އެވެ.

މި މައްސަލާގައި ޑެޕްގެ ފަރާތުން އެންމެ މުހިއްމު ރޯލެއް މިހާތަނަށް އަދާކޮށްފައި ވަނީ ބެން ޗޫ އެވެ.

ޑެޕް، ހާޑްއާ ދެކޮޅަށް ދައުވާ ކުރަނީ އަބުރު ކަތިލި ކަމަށް ބުނެ އެވެ. ޑެޕް މި ދައުވާ ކޯޓަށް ވެއްދީ، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބުނެ، ވަކި މީހެއްގެ ނަން ނުގެނެސް، ހާޑް 2018ގައި ލިޔުނު އާޓިކަލްއަކާ ގުޅިގެންނެވެ. އެ ލިޔުމާ ހެދި އޭނާގެ ކެރިއަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑެޕް ބުނެ އެވެ.

ޑެޕް ދައުވާ ކުރަނީ އަބުރަށް ލިބުނު ކަމަށް ބުނާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހާޑް އަތުން 50 މިލިއަން ޑޮލަރު ހޯދުމަށެވެ. ރައްދުގައި ހާޑް ވަނީ ޑެޕް އަތުން 100 މިލިއަން ޑޮލަރު ހޯދުމަށް ދައުވާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!