ސްޓޭޓް ޓްރޭޑިން އޯގަނަޒައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސައިން އަމްރު މުހައްމަދު ރަޝާދު މަގާމުން ވަކިކޮށްފިއެވެ.
އަމްރު މަގާމުން ވަކިކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ނިންމިއިރު، އެސްޓީއޯ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ މުހައްމަދު ނިޒާމްއާއެވެ. ހއ ހޯރަފުއްޓަށް ނިސްބަތްވާ ނިޒާމް އަކީ އެސްޓީއޯގެ ޗީފް ފައިނޭންސް އޮފިސަރެވެ.
އަމްރު މަގާމުން ވަކިކުރިއިރު، މިދިޔަ ޖެނުއަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު ހުންނެވީ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައެވެ. އަދި ޕްރައިމަރީއަށް ފަހު ”ފިކުރެއްގެ ދިރުން“ ހަރަކާތުގައިވެސް އަމްރު ގެންދަވަނީ އިސްކޮށް ހަރަކާތްތެރި ވަމުންނެވެ.
މީގެއިތުރުން ރޭ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްއަށް އެސްޓީއޯގެ އެމްޑީގެ ހައިސިއްޔަތުން އަމްރު ދެއްވި އިންޓަވިއު ޕީއެސްއެމުން ނުދެއްކި މައްސަލާގައިވެސް ސަރުކާރަށް ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
ފިކުރެއްގެ ދިރުން ފެކްޝަނުގެ ބޭފުޅުން ރޭ ވިދާޅުވަމުން ގެންދެވީ އަމްރުގެ އިންޓަވިއު ނުދެއްކީ ސަރުކާރުން އަންގައިގެން ކަމަށެވެ. ނަމަވެސް ޕީއެސްއެމުން ބުނީ އިންޓަވިއު ނުދެއްކީ ޕީއެސްއެމްގެ އަމިއްލަ ނިންމުމެއްގެ ތެރެއިން ކަމަށާއި، އެ ޕްރޮގްރާމް ނުދައްކަން ސަރުކާރުން އަންގާފައި ނުވާކަމަށެވެ.
އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމުގައި އިސްކޮށް ހުންނެވި، އަމްރު މަގާމުން ވަކިކުރަން ފޮނުވިއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިގެން 2023 ވަނަ އަހަރުގެ މެނިފެސްޓޯ އެކުލަވާލުމަށްވެސް އަމްރުވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ޖޭޕީގެ އިސް ބޭފުޅުންނާ މިދިޔަ ހަފްތާގައި މަޝްވަރާ ކުރައްވާފައެވެ.