އެމްޑީޕީގެ ނައިބް ރައީސް ސިފާޒް މިނިސްޓަރ ކަމުން ވަކިކޮށްފި
ދެންމެ | 29 މާރޗް 2023

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކެބިނެޓުގެ ބޭރުން ސިޔާސީ މަގާމަކަށް އެންމެ ފުރަތަމަ އައްޔަނުކުރި ބޭފުޅުންގެ ތެރޭގައި ޝިފާޒް ހިމެނެ އެވެ. އޭނާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދިނީ ނޮވެމްބަރު 22، 2018 ގަ އެވެ.

ކަށަވަރުވެފައިވާ ގޮތުގައި އޭނާ މަގާމުން ވަކިކުރީ މިއަދު އެވެ. ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެމްޑީޕީގެ ދެ ފެކްޝަންގެ މައްސަލަ ހާމައަށް ފާޅުވީ ޕްރައިމަރީއަށް ފަހު އެވެ. ޕްރައިމަރީގައި ވެސް ޝިއްޕެގެ ތާއިދު އޮތީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދަށެވެ.

ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 61 އިންސައްތަ ވޯޓުންނެވެ. ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ އެވެ.

ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވިއިރު ނަޝީދާއި އެމަނިކުފާނުގެ ޓީމު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ނުކުރައްވައި ”ފިކުރެއްގެ ދިރުން“ ނަމުގައި ވަކި ފެކްޝަނެއް ހަދައިގެނެވެ.

އެ ފެކްޝަނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ބޭފުޅަކީ ޝިއްޕެ އެވެ. ރައީސް އޮފީހުގެ މަގާމެއްގައި ހުންނަވައިގެން ރައީސް ސޯލިހަށް ތާއީދު ނުކޮށް އެހެން ކެންޑިޑޭޓަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެމްޑީޕީގެ އާންމު މެމްބަރުންގެ ފާޑުކިޔުން ވެސް ޝިއްޕެއަށް އޮތީ އަމާޒުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!