ރައީސް ސޯލިހް ރައްވާލާ، ގާސިމް އަންނަ ރިޔާސީ އިންތިހާބަށް ވާދަކުރަން ފޯމް ހުށަހަޅުއްވައިފި
ދެންމެ | 30 މާރޗް 2023

ރައީސް ސޯލިހް ރައްވާލުމަށް ފަހު ޖޭޕީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމް އަންނަ ރިޔާސީ އިންތިހާބަށް ވާދަކުރަން ނިންމަވައި ފޯމް ހުށަހަޅުއްވައިފި އެވެ.

މިއަދު މެންދުރު 12 ޖަހާއިރަށް ޖޭޕީގެ ޕްރައިމަރީގެ މުއްދަތު ހަމަވާއިރު ޖެޕީގެ ފަރާތުން މިހާތަނަށް ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަށް ފޯމް ހުށަހަޅުއްވާފައި ވަނީ ގާސިމް އެކަންޏެވެ.

ޖޭޕީން ގާސިމް ރައީސް ސޯލިހާއި ދެކޮޅަށް ނިކުންނަވަން ނިންމަވައި ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމަވާފައިވާއިރު ސަރުކާރުގައި ހިމެނޭ ޖޭޕީގެ އެއްވެސް މަގާމަކަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. ގާސިމް ވިދާޅުވަނީ ނޮވެމްބަރު 11 ވަނަ ދުވަހާއި ހަމައަށް މަގާމްގައި ތިއްބަވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި  ވަކިން ވާދަކުރަން ނިންމައި ޖޭޕީގެ ޓިކެޓަށް ވާދަކުރަން ހުޅުވާލީ މި މަހުގެ 16 ގަ އެވެ.

ޖޭޕީން މިހާތަނަށް އެއްވެސް ބޭފަކު ފޯމު ހުށަނޭޅުއްވިޔަސް ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވަން ތާއީދުކޮށް އެ ޕާޓީގެ މެމްބަރުން އަންނަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގަމުންނެވެ. އެކަމަކު އިންތިހާބުގައި ވާދަކުރައްވާނެ ކަމެއް ސީދާ ގާސިމް މިހާތަނަށް ވިދާޅެއް ނުވެ އެވެ.

ޖޭޕީން ކެންޑިޑޭޓަކު ނުކުތުމަށާއި އެ ޕާޓީ އިސްވެ އޮވެ އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް ފާސްކޮށްފައި ވަނީ ޖޭޕީގެ ކައުންސިލުންނެވެ. އެކަމަކު ވާދަކުރެއްވުމާއި ނުކުރެއްވުމާ މެދު ގޮތެއް ނިންމަވާނީ ގާސިމް އެވެ.

އާ ގާނޫނުއަސާސީއަށް ފަހު މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި ވެސް ޖޭޕީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ނުކުންނަވަ އެވެ. އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ޖޭޕީގެ ކެންޑިޑޭޓަކަށް ގާސިމް ހަމަޖައްސާފައި ވަނިކޮށް ކުރިމަތި ނުލެއްވުނީ އޭރުގެ ސިޔާސީ ހާލަތު ހުރި ގޮތުންނެވެ.

ގާސިމް މި ފަހުން ވަނީ ޖޭޕީގެ ރިޔާސީ ކެމްޕޭން ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ހަމަޖައްސަވައިފަ އެވެ. އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެންގެ އެއްބާރުލުމާ އެކުގައި ކަމަށް ވިދާޅުވެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

ޖޭޕީން އިންތިހާބަށް ނުކުންނަން ގެންގުޅޭ ވިސްނުމާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތަކެއް ވަނީ ބާއްވައިފަ އެވެ. އެންމެ ގިނަ ބައްދަލުވުންތައް މިހާތަނަށް ބޭއްވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި ހިންގަވާ ”ފިކުރެއްގެ ދިރުމުގެ“ ބޭފުޅުންނާ އެކުގަ އެވެ.

މެނިފެސްޓޯ އެކުލަވާލުމާ ހަމައަށް މަޝްވަރާ ހިނގާފައިވާ އިރު މިރޭ ވެސް ނަޝީދުގެ މަންދޫބުންގެ ގޮތުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ ޖޭޕީއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ދެއްވި ދައުވަތަށް ޖޭޕީން މިހާތަނަށް ރަސްމީ ޖަވާބެއް ނުފޮނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އިންތިހާބަށް ވަކިން ވާދަކުރަން ގާސިމް ނިންމަވައިފި ނަމަ އެކަމަކީ ކޯލިޝަނެއްގެ ގޮތުގައި ކުރިއަށްދާން އުނދަގޫވާނެ ކަމެއް ކަަމަށާއި އެކުގައި ނުތިބެވޭ ނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!