”އިންޑިއާ އައުޓް“ ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅާ ސަރުކާރުން ނެރެފައިވާ ގަރާރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނި ނުކުރުމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ރާއްޖޭގެ ސަރުކާރަށް ގޮވާލައިފި އެވެ.
”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވާފައިވާ ގަރާރާއި ގުޅިގެން، އިދިކޮޅުން އެ ނަމުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ފުލުހުން ދަނީ ހުއްޓުވަމުން ނެވެ. އަދި އެކަން ކުރާ ފަރާތްތައް ހައްޔަރު ކުރަމުންދާއިރު، އެކަން ހުއްޓާލުމަށް ގޮވާލާ އިދިކޮޅުން މިފަހުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އެއްވުންތައް ކަވާކުރަން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ނޫސްވެރިންނަށް ފުލުުހުން އިންޒާރުދޭ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފަ އެވެ.
ރޭގެ އިހުތިޖާޖުތެރޭ އުމުރުން 19 އަހަރުގެ އަންހެނެއްގެ އަތުގައި އޮތް އިންޑިއާ އައުޓް ދިދަ އަތުލުމަށް އޭނާ ފަހަތުން ސިފައިންގެ މީހެއް ދުވި ވީޑިއޯއެއް ހިއްސާކޮށް އެމްނެސްޓީ އިންޓަނޭޝަނަލް ސައުތު އޭޝިއާއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމެނެސްޓީގެ ޓްވީޓުގައި ބުނެފައިވަނީ، ސުލުހަވެރިކަމާއިއެކު މުޒާހަރާ ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ދަށުން ހިޔާލު ފާޅުކުރުމަށް މަގުމަތީ ހަރަކާތްތެރިވާ ބައިވެރިންނާއި، ނޫސްވެރިންނަށްވެސް އިންޒާރުދީ އެ މިނިވަންކަމަށް ހުރަސް އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެ ހައްގު ފުރިހަމަ އަށް ލިބިދިނުމަށް ރާއްޖޭގެ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
އިންޑިއާ އައުޓު ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅާ އެކަން ހުއްޓުވަން ރައީސް ސޯލިހް މިދިޔަ މަހުގެ 21 ވަނަ ދުވަހު ނެރުއްވި ގަރާރަށްފަހު، ފާޅުކަން ބޮޑުކޮށް މަގުމަތީގަޔާއި ބެނާގެ ޒަރިއްޔާއިން އެ ހަރަކާތް ހިންގުމުގެ ފުރުސަތު ފުލުހުން ނުދެއެވެ.
އިންޑިއާއާއިމެދު ނަފްރަތު އުފެއްދުމަށް ހިންގާ ކަމަށް ބުނާ “އިންޑިއާ އައުޓް” ކެމްޕެއިންއަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއްކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމުން ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވަން އަންގާ ރައީސް ނެރުއްވި ގަރާރު ގައި ބުނެފައިވަނީ، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ.
އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން އެގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ގަރާރު އެކަށައެެޅީ ކަމަށް އެ ގަރާރުގައި ވެއެވެ.