އަސްރަފް ހަކީމީއަށް އޭނާ ކުރީގެ އަނބިމީހާ ހިބާ އަބޫކުގެ އެކައުންޓުގައި ހުރި 2.5 މިލިޔަން ޔޫރޯގެ ދެބައިކުޅައެއްބަޔަށްވާ 1.2 މިލިޔަނަށް ވުރެ ގިނަ ޔޫރޯ ދޭންޖެހިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
އަސްރަފް ހަކީމީ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނެތް އިރު ހިބާގެ މިލްކިއްޔާތުން ދެބައިކުޅައެއްބައި ހަކީމީއަށް ދޭންޖެހެނީ ކައިވެނި ރޫޅުމުން މުދާ ބަހަންޖެހޭ ގާނޫނު ދަށުންނެވެ.
ކުޅިވަރު ދުނިޔޭގައި މިހާރު އެންމެ ހޫނު އެއް ޚަބަރަކަށް ވެފައި ވަނީ ޕީއެސްޖީ އަށް ކުޅޭ މޮރޮކޯ ޑިފެންޑަރު އަޝްރަފް ހަކީމީގެ މުދަލާއި ފައިސާ، އޭނާގެ މަންމަގެ ނަން މައްޗަށް ބަދަލުކޮށްފައިވާތީވެ، އޭނާގެ މިލްކިއްޔާތުން ބައެއް ހޯދުމަށް ކުރީގެ އަންހެނުން ހިބާ އަބޫކް ކުރި މަސައްކަތް ނާކާމިޔާބުވި ޚަބަރެވެ.
މި ޚަބަރާއިއެކު އެފްރިކާގެ މީޑިއާތަކުން ބުނަމުން އަންނަ ގޮތުގައި ހަކީމީ އޭނާގެ ހުރިހާ މުދަލެއް މަންމަގެ ނަމަށް ބަދަލު ކޮށްފައި ވަނީ އެފްރިކާގެ ނަން މަޝްހޫރު ބައެއް ކުޅުންތެރިންނަށް މީގެ ކުރިން ކަންތައް ވެގެން ގޮސްފައިވާ ގޮތުންނެވެ.
އަނބިމީހާ އަށް މުދާތައް ދިނުމުން އެންމެ ހިތި ތަޖުރިބާއެއް ކުރަން ޖެހުނު އެފްރިކާ ބައްރުގެ އެއް ކުޅުންތެރިޔަކީ ޒިމްބާބްވޭގެ ކުޅުންތެރިއެއް ކަމަށްވާ ޓެންޑައީ ނޮރޯ އެވެ. ޓެންޑައީ ވަނީ އޭނާގެ ހުރިހާ މުދަލެއް އޭނާގެ އަނބިމީހާގެ ނަން މައްޗަށް ބަދަލު ކޮށްފައެވެ. އެންމެފަހުން އޭނާ ބޭންކްރަޕްޓްވެ ގެންގުޅުނު ކާރުތަކާއި ދިރިއުޅުނު ގެ ވެސް ގެއްލުނީ އަނބިމީހާ އޭނާ ކައިރިން ވަރިވުމުންނެވެ.
އާސެނަލް އަށް 2005 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށް ކުޅުނު އައިވަރީ ކޯސްޓްގެ ކުޅުންތެރިޔާ އެމަނުއެލް އެބޯއީ އަށް ވެސް މިފަދަ މައްސަލައެއް ދިމާވިއެވެ. އެމަނުއެލް ކައިވެނި ކޮށްގެން އުޅުނު ބެލްޖިއަމްގެ އަނބިމީހާ އެމަނުއެލްގެ ހަތް މިލިއަން ޔޫރޯގެ ގެ ވެސް އަނބިމީހާގެ މައްޗަށް ރަޖިސްޓްރީކޮށް އެންމެފަހުން އެމަނުއެލް މަގުމަތިވިއެވެ. ހުރިހާ މުދަލެއް ގެއްލުމުން އެމަނުއެލް އަމިއްލައަށް މަރުވާން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ރަހުމަތްތެރިންނަށް އެކަން އެނގިގެން އޭނާ ސަލާމަތް ކުރީއެވެ.
މީގެ އިތުރުން ވެސް އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ މަޝްހޫރު ކުޅުންތެރިންގެ މުޅި މިލްކިއްޔާތު އެމީހުންގެ އަނބިން ”ފޭރިގެންފައި ވެއެވެ.“ އެހެންކަމުން އެފްރިކާގެ ނަން މަޝްހޫރު ކުޅުންތެރިން އަނބިންނާއިއެކު މުދާ ބެހުމުގެ ފުރިހަމަ އެއްބަސްވުންތައް ހަދައިގެން ތިބުމަށް އެފްރިކާގެ މީޑިއާތަކުގެ ރިޕޯޓްތަކުގައި ވެސް ލިޔެފައި ހުރެއެވެ.
ހަކީމީގެ ކިބައިން ހިބާ ވަރިވާން މަސައްކަތް ފެށީ، އުމުރުން 24 އަހަރަކުގެ އަންހެނަކު މިދިޔަ ފެބްރުއަރީ މަހު ހަކީމީގެ މައްޗަށް ރޭޕުގެ ތުހުމަތުކުރުމުންނެވެ. އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. އެކަމަކު ހިބާ ބުނެފައިވަނީ ރޭޕްގެ ތުހުމަތުގެ ކުރިން ވެސް ހަކީމީ ކައިރިން ވަރިވާން ނިންމާފައިވާ ކަމަށެވެ. ވަރިވުމުގެ މަރުހަލާ އަށް ފަހު ހިބާ ކޯޓުގައި އެދުނީ ހަކީމީގެ މިލްކިއްޔާތުގައިވާ މުދަލާއި އެކައުންޓުގައި ހުރި ފައިސާގެ 50 ޕަސެންޓް އޭނާ އަށް ނަގައިިދިނުމަށެވެ. އެކަމަކު ކޯޓުން ބެލިއިރު، ހަކީމީގެ މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތެވެ