ދާދި ދެންމެ އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ.
ނަމަވެސް ރާއްޖެއާއި މޮރިޝަސްގެ މެދުގައި ޚުޞޫމަތު އޮތީ އިކުއިޑިސްޓޭންސްގެ އުސޫލުން ކަނޑުގެ ސަރަހައްދު ބައިކުރުމުގައި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ފެށޭ ނުކުތާކަމަށް ބަލާނެ ބަޔަކާމެދުއެވެ. ރާއްޖެއިން ބުނެފައިވަނީ މޮރިޝަސްއިން ބޭނުންވާ ފަދައިން ބްލެންހައި ފަރު ނޫންކަމަށާއި، އޭގެ ބަދަލުގައި ޕެރޯސް ބަންހޯސްއާއި ސެލޮމަން އައިލެންޑްސް ދެ އަތޮޅުގައި ފާހަގަކުރާ ނުކުތާތަކަކުން ފެށިގެން ކަނޑުގެ ސަރަހައްދު މިންކުރުމަށެވެ.
އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ރާއްޖެއަށް އެ ނުކުތާގައި ކާމިޔާބުވެފައިވެއެވެ. މާނައަކީ ރާއްޖެއާއި ޗާގޮސްގެ މެދުގައިވާ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބައިކުރާނީ ރާއްޖެއިން އެދުނު ގޮތަށް ޕެރޯސް ބަންހޯސްއާއި ސޮލަމަން އައިލެންޑްސް ދެ އަތޮޅުގައި ފާހަގަކުރާ ނުކުތާތަކުން ފެށިގެން ޗާގޮސްގެ ކަނޑުގެ ސަރަހައްދު މިންކޮށްގެން ކަމަށެވެ.
ބެހިމް ފަރަކީ ބޭސްޕޮއިންޓުކަމަށް ކަމަށް ބެލުމަށް ޤަބޫލުކުރެވޭ މިންވަރަށް މޮރިޝަސްއަށް ހެކި ހުށަހެޅިފައިނުވާކަމަށް އިޓްލޮސްގައި މައްސަލަ ބެއްލެވި ޗެމްބަރުން ބުނެފައިވެއެވެ. އަދި ޖަޒީރާ ރަށްތަކުގެ އައްސޭރީގެ ގޮތުގައި ފެނުން މަތިން ފެންނަން ހުންނަ ފަރުތައް ބެލުނު ނަމަވެސް އެފަދަ ފަރުތަކަކީ ކަނޑުގެ އިންވަކިކުރުމުގައި ބޭސްޕޮއިންޓުކަމަށް ބެލިދާނެކަމަށް ބައިނަލްއަޤުވާމީ ޤާނޫނުގައި ބަޔާންނުކުރާކަން އެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލާގައި ރާއްޖޭގެ ތަޖުރިބާކާރު ޤާނޫނީ ވަކީލުން ވަކާލާތުކުރައްވާފައިވަނީ އިކުއިޑިސްޓޭންސްގެ އުސޫލުން އެ ސަރަހައްދު ބައިކުރުމަށް ވަކާލާތުކުރުމުން ރާއްޖެއަށް ހައްގުވާ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ނުލިބުމުގެ އިހުތިމާލު އޮތުމާއެކު، ރާއްޖެއިން އިކުއިޓަބަލް އުސޫލުތަކުން ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމަށް ވަކާލާތުނުކުރުމަކީ ރާއްޖެއަށް ގެއްލުންވާނެ ކަމެއް ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ޤާނޫނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ކަނޑައަޅާފައިވާ އާކިޕެލަޖިކަލް ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭދުގެ ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ޤައުމަކާއެކު ހެދޭ އެއްބަސްވުމެއްގެ ދަށުންކަމަށްވެސް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގެ ޤުދުރުތީ ކޮންޓިނެންޓަލް ޝެލްފު 200 މޭލަށްވުރެ ބޭރު ސަރަހައްދަކަށްދާތީ 2010 ވަނަ އަހަރުގައި ރާއްޖެއިންވަނީ 200 މޭލުން ބޭުން އޮތް ބައި ހޯދުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްސް (ސީއެލްސީއެސް)އަށް މައްސަލައެއް ހުށަހަޅާފައެވެ. އަދި އެ މައްސަލާގައި އެ ކޮމިޝަނުން ގޮތެއް ނުނިންމައެވެ.
މިހާރު މައްސަލަ ނިމުނު ގޮތުން ރާއްޖޭގެ ޤާނޫނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުކަމަށް ބުނެފައިވާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއަށް ދެން ނުލިބޭނެއެވެ.