ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ނުގެއްލޭ ކަމަށް ދެއްކުމަށް، ރައީސް އޮފީހުން ފައިސާ ދީގެން، ރާއްޖޭގެ މަޝްހޫރު ގިނަ ނޫސްތަކުގައި ސަރުކާރާ އެއްކޮޅަށް އާޓިކަލްތައް ލިޔެފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސްޕޮންސާވެސް ގަވާއިދުން ލިބޭ އެ ނޫސްތަކުން އާޓިކަލް ލިޔެފައިވަނީ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފި ކަމަށްބުނެ އެވެ.
ނަމަވެސް އެ ނިންމުމާކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލޭކަން އެ ނޫސްތަކުގެ އާޓީކަލްތަކުގައި ހިމަނާފައެއް ނެތެވެ.
ދާދި ދެންމެ އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މައްސަލައިގައި ސަރުކާރު ދިފާއުވާގޮތަށް އާޓީކަލް ލިޔުމަށް ރައީސް އޮފީހުން ވަނީ އެ ނޫސްތަކަށް ގިނަ އަދަދެއްގެ ފައިސާ ދީފަ އެވެ.
އިޓްލޮސްއަށް ހުށަހެޅިފައިވާ މައްސަލާގައި ރާއްޖެއިން 200 ނޯޓިކަލް މޭލު ހޯދުމަށް އިކުއިޓިބަލް ނުވަތަ އަދަލުވެރި އުސޫލުން ކަނޑުގެ ސަރަހައްދު އިންކުރުމަށް ވަކާލާތުކޮށްފައިނުވެއެވެ. އޭގެ ބަދަލުގައި ރާއްޖެއިންވެސް އެއްބަސްވެފައިވަނީ މޮރިޝަސްއިން އެދުނު ފަދައިން އިކުއިޑިސްޓޭންސްގެ އުސޫލު ނުވަތަ ފުށުއަރާ ސަރަހައްދު ހަމަހަމައަށް ބައިކޮށް ބަހައިލުމަށެވެ. އެގޮތަށް މިއަދުގެ މައްސަލަ ނިމުމުން ދިވެހި ގިނަ ނޫސްތަކުން ރިޕޯޓުކޮށްފައި ވަނީ ”ދިވެހި ސަރުކާރަށް ކާމިޔާބު“ ލިބުނު ކަމަށެވެ.
އެކަމަކު މި މައްސަލާގައި ރާއްޖޭގެ ތަޖުރިބާކާރު ޤާނޫނީ ވަކީލުން ވަކާލާތުކުރައްވާފައިވަނީ އިކުއިޑިސްޓޭންސްގެ އުސޫލުން އެ ސަރަހައްދު ބައިކުރުމަށް ވަކާލާތުކުރުމުން ރާއްޖެއަށް ހައްގުވާ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ނުލިބުމުގެ އިހުތިމާލު އޮތުމާއެކު، ރާއްޖެއިން އިކުއިޓަބަލް އުސޫލުތަކުން ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމަށް ވަކާލާތުނުކުރުމަކީ ރާއްޖެއަށް ގެއްލުންވާނެ ކަމެއް ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ޤާނޫނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ކަނޑައަޅާފައިވާ އާކިޕެލަޖިކަލް ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭދުގެ ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ޤައުމަކާއެކު ހެދޭ އެއްބަސްވުމެއްގެ ދަށުންކަމަށްވެސް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގެ ޤުދުރުތީ ކޮންޓިނެންޓަލް ޝެލްފު 200 މޭލަށްވުރެ ބޭރު ސަރަހައްދަކަށްދާތީ 2010 ވަނަ އަހަރުގައި ރާއްޖެއިންވަނީ 200 މޭލުން ބޭުން އޮތް ބައި ހޯދުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްސް (ސީއެލްސީއެސް)އަށް މައްސަލައެއް ހުށަހަޅާފައެވެ. އަދި އެ މައްސަލާގައި އެ ކޮމިޝަނުން ގޮތެއް ނުނިންމައެވެ.
މިހާރު މައްސަލަ ނިމުނު ގޮތުން ރާއްޖޭގެ ޤާނޫނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުކަމަށް ބުނެފައިވާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއަށް ދެން ނުލިބޭނެއެވެ.