ދައުލަތުގެ އިޤްތިސާދީ ހާލަތު ގޯސްވަމުންދާތީ ދައުލަތުގެ ހަރަދު ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގާފައިވަނިކޮށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އިބްރާހިމް ނާފިޒު (ޗިކާ) ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު ދީފިއެވެ.
މުސާރައާއި އިނާޔަތްތަކާއި އެކު ޗިކާއަށް 25،500 ރުފިޔާ ލިބޭނެއެވެ. ޗިކާގެ އިތުރުން އެ މިނިސްޓްރީގައި 5 ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުންތިބެއެވެ. އަދި މިހާރު ޗިކާއާއި އެކު ޖުމްލަ 13 ސިޔާސީ މުވައްޒަފުން އެ މިނިސްޓްރީގައި އެބަތިއްބެވެ. އެ ހުރިހާ އެންމެންގެ މުސާރައަށް މަހަކު 4 ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަވެއެވެ.
މި މަޤާމަށް ޗިކާ އައްޔަން ކުރެވުނުއިރު އަތުގައި މަސްތުވާތަކެތި ބެހެއްޓި މައްސަލައެއްގައި ޗިކާގެ މައްޗަށް މީގެ ކުރިން ދައުވާކުރިއެވެ. ނަމަވެސް 2012 ވަނަ އަހަރު އެ މައްސަލަ ސާބިތު ނުވާކަމަށް ހައިކޯޓުން ނިންމިއެވެ. އެ ނިންމުން ޕީޖީ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން 2020 ވަނަ އަހަރު ސުޕްރީމް ކޯޓުންވެސް ވަނީ އެ މައްސަލަ ސާބިތުނުވާކަމަށް ނިންމާފައެވެ.
ޗިކާގެ މައްޗަށް ދައުވާ ކުރެވެނީ ވިޔަފާރި ކުރުމަށް އަތުގައި މަސްތުވާތަކެތި ބެހެއްޓި ކަމުގައި ދައުވާއެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޗިކާ ހައްޔަރު ކުރެވުނީ 2008 ވަނަ އަހަރުގެ މާޗު މަހުގައެވެ. އޭރު ފުލުހުން ވަނީ ޗިކާގެ ކޮޓަރިން މަސްތުވާތަކެތި އަޅާފައި އޮތް ސިޓީ އުރަ އަކާއި، ކަނޑިއެއް ހޯދާފައެވެ. ޗިކާ ވަނީ އެ ކަނޑި އާއި ހަވާލުވެފައެވެ. ނަމަވެސް އެ ސިޓީ އުރައަކީ އޭނާގެ އެއްޗެއް ނޫންކަމަށް ޗިކާ ވަނީ ބުނެފައެވެ. އަދި އެ ސިޓީ އުރައާއި ރ.މަޑުއްވަރީ މުޝްތަރީގޭ ހަސަން ސޮބާހު ވަނީ ހަވާލުވެފައެވެ. އެހެން ކަމުން ދަށު ކޯޓު މަރުހަލާގައި އަދި ހައިކޯޓުން ވެސް ޗިކާ ވަނީ ސަލާމަތްވެފައެވެ.
އެހެންނަމަވެސް ކަނޑި ގެންގުޅުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ 5 އަހަރަށް ޖަލަށް ލާން ހުކުމް ކުރެވުނެވެ. އެކަމަކު ރައީސް ނަޝީދުގެ ވެރިކަމުގައި ޕެރޯލްގެ ދަށުން ޗިކާ ވަނީ ދޫކޮށްލެވިފައެވެ. ޗިކާވަނީ މިނިވަން ވުމާއި އެކު އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން 2013 ގެ ރިޔާސީ އިންތިހާބުގައިވެސް ޗިކާ ވަނީ ރައީސް ނަޝީދަށް ކެމްޕެއިންކޮށްފައެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ކެމްޕެއިން ކުރުމުގައި އޭނާގެ އަތޮޅުގައި ވަރަށް ބޮޑަށް ޗިކާ ހަރަކާތްތެރިވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖްލީހަށް ކުރިމަތިލުމަށް އެމްޑީޕީ ޓިކެޓު ހޯދުމަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައިވެސް ޗިކާ ވާދަކުރިއެވެ.
އަދި ފަހުން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރުކަމަށް ހޮވި، މިހާރު ޗިކާ ހުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުގައެވެ.