މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ 12:00 ހާއިރު ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ދިޔުމުން ކޯޓު އަމުރެއްގެ ދަށުންނެވެ.
މުޙައްމަދު އިސްމާޢީލްގެ ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވީ ފުލުހުންގެ އެދުމަކަށް ކަމަށެވެ.
އާސިފް ވިދާޅުވީ ޖިނާއީ އިޖުރާއަތު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މުޙައްމަދު އިސްމާޢީލަށް ގާނޫނީ އިންޒާރު ދީފައިނުވާކަމަށެވެ. އަދި އެކަމަށް ހައްޔަރުކުރި ފުލުސް މީހާގެ ބޮޑީ ކެމެރާ ހެކިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ހައްޔަރުކުރި ގޮތާމެދު ގާނޫނީ ނަޒަރަކުން ވިސްނައި ބަލައިފިއްޔާ މާދަމާ ވެސް ޖެހޭނީ މުޙައްމަދު އިސްމާޢީލް ދޫކޮށްލަން،“ އާސިފް ވިދާޅުވިއެވެ.
މިދިޔަ ބުދަ ދުވަހު ވެސް މުޙައްމަދު އިސްމާޢީލް ހައްޔަރުކުރިއެވެ. ނަމަވެސް ކޯޓު އަމުރު ހަވާލުކުރީ ހައްޔަރު ކުރުމަށްފަހުއެވެ. އެހެންކަމުން އެއީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކުރުމެއް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުން ދޫކޮށްލަން އަމުރުކޮށްފައެވެ.
މިރޭ މުޙައްމަދު އިސްމާޢީލް ހައްޔަރުކުރަން ގާޒީ އާދަމް މުޙައްމަދު ނެރުއްވި ކޯޓު އަމުރުގައި ވަނީ އަލުން އެ މައްސަލާގައި އޭނާ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރުމަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. ސަބަބަކީ ކުރިން ބޭއްވި މުއްދަތު މަޖިލީހުގައި ބަންދުގައި ބަހައްޓަންޖެހޭ ސަބަބާ ބެހޭގޮތުންނާއި އަދި ތުހުމަތު ކުރެވޭ ކުށާ ގުޅޭ ހެކި ނުވަތަ ގަރީނާ އާ ގުޅޭގޮތުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާތީ ކަމަށް އެ އަމުރުގައިވެއެވެ.
އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހު އިތުރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ ޢަލީ ނަސީމް (ތަކަނޭ) އެވެ. އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.