އެމްޑީޕީން ވަކިވެ އިތުރު 15 މަޖިލިސް މެމްބަރުން ޑިމޮކްރެޓިކް ޕާޓީ އާއި ގުޅެން ނިންމައިފި އެވެ.
އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަފްތާތެރޭގައި އެ މެމްބަރުން ޑިމޮކްރެޓިކް ޕާޓީ އާއި ގުޅިވަޑައިގަންނަވާނެކަން އިއުލާން ކުރައްވާނެ އެވެ.
’ދެންމެ‘ އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިމޮކްރެޓިކް ޕާޓީ އާއި ގުޅިވަޑައިގަންނަވާނެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަ ވަނީ އުގޫފާރު ދާއިރާގެ މެމްބަރު ހަސަންޓޭ, ބިލައްދޫ ދާއިރާގެ މެމްބަރ ދޮންބިލަތް ހަލީމާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްސީދާއި ކަޑިތީމް ދާއިރާގެ މެމްބަރު ސަހީމާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ސަފީގާއި ނިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ކެދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި ކެޔޮދޫ ދާއިރާގެ މެމްބަރ ހުސެއިން ގާސިމް އަދި މުލަކް ދާއިރާގެ މެމްބަރ އިބްރާހިމް ނަސީރާއި ދިއްދޫ ދާއިރާގެ އަބުދުﷲ ވަހީދާއި ހެންވޭރު އުތުރު މުއިއްޒުގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާ މެމްބަރު މުމްތާޒެވެ.
މިއަދު ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްވަމުން މެމްބަރު ހަސަން ލަތީފް ވެސް ވަނީ ގިނަ މަޖިލިސް މެމްބަރުންތަކެއް ޕާޓީ އާއި ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޑިމޮކްރެޓިކް ޕާޓީ އުފެއްދުމުގެ ހުއްދައަށް މިއަދު ހުށަހަޅާފައިވާއިރު އެޕާޓީ އާއި ގުޅިވަޑައިގަތުމަށް ގިނަ އަދަދެއްގެ އާއްމް މެމްބަރުންނާއި ކައުންސިލްތަކުގެ ރައީސް ދަނީ އެމްޑީޕީން ވަކިވަމުން ނެވެ.