ރާއްޖެ ފެޑްރަލް ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީ ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑް ދިނުމުގެ ހަފްލާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ފެޑްރަލް ނިޒާމަކީ އެމެރިކާގައި އޮންނަ ފަދަ ނިޒާމެކެވެ. އެއީ ކޮންމެ ސްޓޭޓެއްގައި (ރާއްޖޭގައި ނަމަ ކޮންމެ އަތޮޅެއްގައި) ވަކި ގާނޫނު ހަދާ މަޖިލީހަކާއި، ޝަރުއީ ނިޒާމެއް އޮވެ އަދި އެސަރަހައްދަކަށް ލިބޭ އާމްދަނީއެއް އެސަރަހައްދަކަށް ލިބޭ ގޮތައް އޮންނަ ނިޒާމެކެވެ. ރާއްޖޭގައި މިހާރު އޮންނަނީ ޔުނިޓަރީ ނިޒާމެކެވެ.
މީގެ ކުރިން ނަޝީދު ތަކުރާރުކޮށް ދައްކަވަމުން ގެންދެވީ ބަރުލަމާނީ ނިޒާމެއްގެ މުހިއްމު ކަމުގެ ވާހަކަ ނަމަވެސް ރޭ އެމަނިކުފާނު ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ނުދައްކަވައެވެ. ރޭ ނަޝީދު ވިދާޅުވީ ފެޑްރަލް ނިޒާމެއް ރާއްޖެ އަށް ނުގެނެސްފިނަމަ ދެރަގޮތެއް ދިމާވެދާނެ ކަމަށެވެ.
”ނުވިސްނައިފިނަމަ މިކަންކަމުން ލިބޭނެ ގެއްލުން ވަރަށް ބޮޑު. މިއަދު ފެޑްރަލް ނިޒާމަކަށް ބަދަލުވާން އަޅުގަނޑުމެން ނުވިސްނައިފިނަމަ އަޅުގަނޑުމެންގެ ހަޔާތުގައި ވަރަށް ހިތާމަވެރި މަންޒަރެއް ފެނިދާނެއޭ. އިގުތިސޯދީ ތަނަވަސްކަމާއި އެކީގައި ފަލްސަފާއެއް ގަބޫލު ކުރެވެން ފެށީމާާ ދެން ކާމިޔާބު ހޯދުމަށް ޒުވާނުން ނުނުކުންނާނެ ކަމަށް އިންސާނީ ތަޖުރިބާއެއް ވެސް ގައުމުތަކުގެ ހަޔާތެއް ވެސް ދައްކާފައެއް ނެތް.“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ ބަދަލުތައް ގިނަ ކަމަށާއި ފެޑްރަލް ނިޒާމަކަށް ބަދަލުވުމާއި އެކުގައި ވެރިކަން ކުރާގޮތައް ބަދަލު ގެނައުން އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށް އެތައް ދިވެހިންނެއް މިއަދު ގަބޫލު ކުރާކަމަށެވެ.
”އެންމެ ކުޑަމިނުން މިމައްސަލަ ރައްޔިތުންނާއި ހަމައަށް ގެންދަން ޖެހޭ. ފެންނަ ނުފެންނަ ވޯޓަކާއި ހަމައަށް ގޮސް ވެރިކަމުގެ ނިޒާމާއި (ގުޅޭގޮތުން) ގޮތެއް ނިންމުން. އެއީ އަޅުގަނޑުމެން އެންމެންގެ ހައްގެއް. މީގެ 17 އަހަރު ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައި ވީނަމަވެސް އަނެއްކާ އެވޯޓް މިހާރު މިއޮތީ ނަގަން ޖެހިފައި. މީގެން ކޮންމެ ވޯޓަކީ ޖީލެއްގައި ނަގަން ޖެހޭ ވޯޓެއް.“ ނަޝީދު ވިދާޅުވިއެވެ.