އެމްޑީޕީ މައި ހަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތާ 9 މަސްދުވަސް ވެއްޖެ ކަމަށާއި ތަން ހުސް ކުރަން ދެ ފަހަރެއްގެ މަތިން 45 ދުވަސް ދީފައިވާ ކަމަށް ތަނުގެ ވެރިފަރާތުން ބުނެފި އެވެ.
ތަނުގެ ވެރިޔާގެ ފަރާތުން ވާހަކަ ދެއްކި އޮފިސަލަކު ބުނީ މުއްދަތު ހަމަވެފައިވާ އެގްރީމެންޓެއްގެ ދަށުން މީހެއްގެ މުދަލެއް ހިސޯރުކޮށްފައި އޮތުމަކީ ގާނޫނީ ބޮޑު ކުށެއް ކަމަށެވެ.
“ ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކަންދޭން ވެރިކަމުގެ ހުވާ ކޮށްގެން އާޢްމް ރައްޔިތެއްގެ މުދާ ފޭރި ހިސޯރު ކުރާ ހިސާބަށް ކަންތައް ދިޔަކަމީ ފުން ހިތާމަ އެއް.“ އޭނާ ބުންޏެވެ.
އެމްޑީޕީން މީގެ ކުރިން ބުނެފައި ވަނީ ހަރުގެ ހުސް ނުކޮށް ހުރީ އިތުރު ތަނެއް އަދި ނުލިބޭތީ ކަމަށެވެ. ތަނެއް ލިބެންދެން އެތަނުގައި ތިބެވޭނެ ގޮތް ހަދައިދޭން ގޭގެ ވެރިފަރާތުގައި އެދިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ކުރިން ބުނި ގޮތުގައި، ހަރުގެ ހުސްކުރަން ވެރިފަރާތުން އެންގީ އެ ބިމުގައި ހަރުގެ ހިންގަން ދިން އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށެވެ.
އެހެންނަމަވެސް މިހާރު އެޕާޓީން ބުނަނީ ކޯޓަށް މައްސަލަ ހުށަހެޅީ ހައްގު ހޯދަން ކަމަށެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ފަރާތުން ވަނީ އެތަނުގައި ގަދަބާރުން ތިބުމަށް ސިވިލް ކޯޓްގައި ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އަދި ރިޔާސީ އިންތިހާބު ނިމެންދެން އެތަން އެމްޑީޕީ ސިޔާސީ ހަރަކާތް ހިންގުމަށް އަމުރު ކޮށްދިނުމަށް ކޯޓުގައި އެދިފައި ވެއެވެ.
އެމްޑީޕީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫމާތު އިނގޭ މީހަކު އިތުރަށް ބުނެފައި ވަނީ ކޯޓުގައި އެޕާޓީން އެދިފައި ވަނީ އެޕާޓީއަށް އެބިން ބޭނުން ނުކުރެވޭނަމަ މި އަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހުގެ ކުރިން އެބިން އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނެ ގޮތަށް ކޯޓުން އަމުރެއް ނެރެދިނުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ކޯޓުގައި މިމައްސަލައިގެ ވަގުތީ އަމުރު ވަނީ މިމަހު 29 ވާ ހޯމަ ދުވަހަށް ސެޑިއުލްކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭގެ ވެރިފަރާތުން ވަނީ އިމާރާތް ހުސް ކުރުމަށް އެމްޑީޕީއަށް މަސް ދުވަހަށް ވުރެ ވެސް ގިނަ ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެހެންނަމަވެސް އެމްޑީޕީން މިއަދާއި ހަމައަށް އިމާރާތް ހުސްކޮށްފައެއް ނުވެ އެވެ.
އެމްޑީޕީ ހަރުގެ ހުސްކުރަން ގޭގެ ވެެރިފަރާތުން ހަރުގެ ހުސްކޮށްފައި ނުވާއިރު އެޕާޓީ ޗެއަރޕާސަން ފައްޔާޒު އުޅުއްވަނީ ސޯމާލިޔާ ކަނޑު ފޭރޭ މީހެއް ފަދައިން ކަމަށް ގިނަ ފަރާތްތަކަކުން ދެކެ އެވެ.
ބޮޑުތަކުރުފާނު މަގަށް އާޓިފިއަލް ބީޗް ކުރިމައްޗައް ހުންނަ އެމްޑީޕީ ހަރުގޭގެ ވެރިޔަކީ ކުރީގެ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ސަފީއާ ޒުބެއިރެވެ.
އެމްޑީޕީ ހަރުގޭގެ ވެރިޔާ ސަފީއާ ޒުބެއިރަކީ ދެ ކަފިވެފައިވާ އެމްޑީޕީގެ ރައީސް ނަސީދަށް ތާއީދު ކުރައްވާ ފަހުލަވާނެ ކެވެ. އަދި މިހާރު ޓިމޮކްރިޓިކް ޕާޓީގެ މެމްބަރެކެވެ.