ކުރީގެ ރައީސުންނަށް އެ ދުވަސްވަރެއްގެ އިދިކޮޅު ފަރާތްތަކުން ނިސްބަތްކުރި ހުތުރު ނަންތަކުގެ ލިސްޓު ވިދާޅުވެ އެއީ ޑިކޮމްރަސީގެ ރޫހުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސިފަކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވައި ލަވަތަކެއް ޗެނަލް 13 އިން ދެއްކި މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފެށުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލަ ބަލައިނުގަނެ މަޖިލީހުން މިއަދު ބޭރުކޮށްލީ އެވެ.
އޭގެ ފަހުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާނުލައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ އިބްތިދާއީ ބަހުސްގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ޗެނަލް 13 އިން ރައީސަށް ވަގަށް ގޮވުން ހަޖަމުވާންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީން ވަކިވެ ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ވަކި ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އީވާ ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމުގެ އޮފު އެމްޑީޕީން އޭރު ކަނޑުވައިލީ އެ މަނިކުފާނަށް ނިސްބަތްކުރި ހުތުރު ނަން ތަކުރާރުކޮށް ގޮވައިގެންނެވެ.
”އެ ހުރިހާ ވާހަކަ އަކީ އަޅުގަނޑުމެން އެއްބަސްވާ ކަންކަމަކަށް ވާކަށް ނުޖެހޭ،“ މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް ނަޝީދަށް ނިސްބަތްކުރި ހުތުރު ނަންތައް ވެސް ފާހަގަކުރައްވައި އީވާ ވިދާޅުވި އެވެ.
އީވާގެ ވާހަކައަށް ފަހު، އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން، ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ކުރީގެ ރައީސުންނަށް ކީ ހުތުރު ނަންތައް މެމްބަރުންނަށް ހަނދާންކޮށްދެއްވައި، ކުރީގެ ރައީސް އިބްރާހިމް ނާސިރުން ފެށިގެން ހުރިހާ ރައީސުންނަށް ނިސްބަތްކުރި އެފަދަ ނަންތައް ވަކިވަކިން ވިދާޅުވެފަ އެވެ.
“ ކުރީގެ ރައީސް ނާސިރަށް ގަރުކުރު ބައިސާ ކުރީގެ ރައީސް މައުމޫނަށް ގޮޅައިބޯ ކުރީގެ ރައީސް ނަސީދަށް ގަންޖާބޯ ކުރީގެ ރައީސް ވަހީދަށް ބާޣީ ވަހީދު ކުރީގެ ރައީސް ޔާމީނަށް ރާގޮނޑި ރާޖާ މިނަންތައް އަޅުގަނޑުމެން ވަނީ މިޖިލީހާއި އެތަން މިތާގައި ވަނީ ކިޔާފަ. ޗޯރު އިބްރޭ ކިޔުން ހަމައިން ނައްޓާ ހިސާބަށް ގެންގޮސްގެން ނުވާނެ.“ ރައީސް ނަސީދު ވިދާޅުވި އެވެ.
”…އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެންދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފި ނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ،“ ރައީސަށް ވަގަށް ގޮވުމަކީ މައްސަލައެއް ނޫން ކަމަށް ސިފަކުރައްވައި ނަޝީދު ވިދާޅުވި އެވެ.