މާލޭގެ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުރި އެމްޑީޕީގެ މައި ހަރުގެ ދަ ޑިމޮކްރެޓްސް އިން ބޭނުން ކުރަން ފެށުމާ އެކު، ހަރުގެ ބޭރުގައި ހުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޕޯސްޓަރު ނަގައިފިއެވެ.
އެ ޕޯސްޓަރު ނެގުމުގެ އިސްކޮށް އުޅުއްވީ ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)އެވެ. އަދި އެމްޑީޕީން ދާދި ފަހުން ވަކިވެވަޑައިގެންނެވި، އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ހަރުގޭގައި ހުރި ރީނދޫ ކުލައިގެ ބަދަލުގައި މަޑު ނޫ ކުލަލުމުގެ މަސައްކަތް ފަށައިފައެވެ.
ދަ ޑިމޮކްރެޓްސް އިން ވަނީ އެ ތަން އެ ޕާޓީގެ ޖަގަހައަކަށް ހެދުމުގެ މަސައްކަތް ފަށައިފައެވެ. މިހާރު އެތަނުގައި މޭޒު ޖަހައިގެން ޑިމޮކްރެޓްސްއަށް މީހުން ސޮއިކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.
އެ ޕޯސްޓަރުގައި އޮތީ ރައީސް ސޯލިހް މީގެކުރިން ޖަލްސާއެއްގައި ވިދާޅުވެފައިވާ ބަސްފުޅެކެވެ. ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ މީގެކުރިން އުފަން މި ރާއްޖޭގެ އާ ޒަމާނެވެ. އޭގެ ސަބަބުން ރާއްޖެ އަށް ވި ރަނގަޅާއި ދިވެހިންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލު އެކަކަށް ވެސް އޮޅިފައި ނޯންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އެ ބިމުގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރު ނޫސްވެރިންނާ ވާހަކަ ދައްކަމުން މިއަދު ބުނީ އެމްޑީޕީއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު އެ ބިން ކުއްޔަށް ދިނުމާ ގުޅޭ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. އަދި އެ ބިން މިހާރު ކުއްޔަށް ދީފައި ވަނީ އަމިއްލަ ވިޔަފާރިވެރިއަކަށް ކަމަށް އޭނާ ބުންޏެވެ.
ވިޔަފާރިވެރިޔާއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އޭނާއަށް އެތަން ސަބްލީސް ކުރެވޭނެއެވެ. އެނގިފައިވާ ގޮތުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން އެ ތަނުގައި ހަރުގެ ހިންގަން ފެށީ އެ ވިޔަފާރިވެރިޔާއާ އެކު ހެދި ސަބް ލީސް އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ ކޮން ވިޔަފާރިވެރިއެއް ކަން ޝަފިއްޔާ ހާމަ ނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ދަ ޑިމޮކްރެޓްސްގެ އިސް މީހެކެވެ.