”އިންޑިއާ އައުޓް“ ހަރަކާތް ރާވައި ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އަނެއްކާވެސް ދޫކޮށްލައިފިއެވެ.
މުހައްމަދު އިސްމާއިލް ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އަމުރުކުރީ ބަންދުން ދޫކޮށްލުމަށެވެ. އެފަހަރު މުހައްމަދު އިސްމާއިލް ދޫކޮށްލީ ފުލުހުން އޭނާ ހައްޔަރުކުރި އިރު، ކޯޓު އަމުރު ދައްކާފައިނުވާތީއެވެ.
ކޯޓު އަމުރާއެކު ދެވަނަ ފަހަރަށް ފުލުހުން މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވެސް އަމުރުކުރީ ބަންދުން ދޫކޮށްލުމަށެވެ. މުހައްމަދު އިސްމާއިލް ބަންދުން ދޫކޮށްލުމަށް މިއަދު އަމުރުކުރީ އޭނާ ޖިނާއީ ކުށެއް ކުރިކަމަށް ފުލުހުންނަށް ހެކި ދެއްކިފައި ނެތުމުން ކަމަށް ބުނެއެވެ.
މުހައްމަދު އިސްމާއީލް ފުރަތަމަ ހައްޔަރުކުރި އިރު، އޭނާއާއެކު ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ނަސީމުގެ ބަންދަށް މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.
މީގެ އިތުރުން މާލޭގެ ފާރުތަކުގައި “އިންޑިއާ އައުޓް“ ކުރަހާ މައްސަލައިގައިވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އޭއީ ކ. މާލެ، މއ. ލެއްގި، އުމުރުން 34 އަހަރުގެ އަބްދުލްޣައްފާރު އަބްދުލްޣަފޫރެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ދީފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ”އިންޑިއާ އައުޓް“ ކުރަހައި ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން ހަތަރު މީހަކު މީހުން ދެނެގަނެވި އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ދަށުން ދައުލަތުގެ އިދާރާތަކަށް ވަނީ އެ ހަރަކާތް ހުއްޓުވަން އަންގަވައިފައެވެ.
ރައީސްގެ ގަރާރަށްފަހު ފުލުހުން ގެންދަނީ މާލޭގެ އެކި ސަރަހައްދުގައި އިންޑިއާ އައުޓް ޖަހާފައިވާ ބެނާތަކާއި އިންޑިއާ އައުޓް ރަމްޒުވާ ގޮތަށް ހުރި ބެނާތައް ވެސް ނަގަމުންނެވެ.
މީގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކަށް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތައް އަޅާފައިވާ އިރު، ރައީސް އޮފީހާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކުރިމައްޗަށްވެސް ވަނީ މި ކަރުދާސްތައް އަޅައިފައެވެ.
މީގެ އިތުރުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުންނަ މ. އެންދެރިގަސް ގޭގެ ފާރުގައިވެސް ވަނީ އިންޑިއާ އައުޓް ސްޕްރޭއިން ލިޔެފައެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅުގައިވެސް އިންޑިއާ އައުޓު ސްޕްރޭކޮށް ގެއްލުންދީފައިވެއެވެ.