ދަރިފުޅު މަރާލިކަން ސާހިދާގެ މައްޗައް ސާބިތު ވެއްޖެ.
ދެންމެ | 22 މެއި 2022

ރާއްޖޭގެ އުތުރުގެ ރަށެއްގައި 4 އަހަރުގެ ކުޑަކުއްޖަކު މަރާލި މައްސަލައިގައި އޭނާގެ މަންމަ އާމިނަތު ޝާހިދާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ ޝާހިދާގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. ވުމާއެކު، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މި މައްސަލައިގެ ވާރިސުންގެ ބަސް ނެގުމާއި، އަދަބާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.

އެއަށްފަހު ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

ޝާހިދާ އޭނާގެ ދަރިފުޅު މަރާލާފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެގޮތުން އެ ކުއްޖާގެ އަތާއި، ކޮނޑުހުޅަށް ތޫނު އެއްޗަކުން ވަނީ ހަމަލާ ދީފައެވެ.

އެ ޚަބަރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ޙާދިސާ ހިނގި ރޭ ފަތިހު 05:40 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެއާ އެކު އެ އަތޮޅުގައި ޤާއިމުކޮށްފައި ހުންނަ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް އެ މައްސަލައިގެ ތަޙުޤީޤު ފެށިއެވެ. އޭރު މާލެއިން ފުލުހުންގެ ޓީމަކާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް ވެސް އެ މައްސަލަ ތަޙުޤީޤުކުރަން ގޮސްފައިވެއެވެ.

މި ޙާދިސާއާ ގުޅިގެން އެ ރަށުން މައުލޫމާތު ދިން ފަރާތްތަކުން އޭރު ބުނެފައިވާ ގޮތުގައި ކުއްޖާގެ ހަށިގަނޑު ޝާހިދާގެ ބައްޕަޔަށް ފެނުމުން، ”ރޯ ވަރުން މަރާލީ،“ ކަމަށް ބުނެ އޭނާ ވަނީ ހަޅޭއްލަވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!