ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސްޕާސަން، އިބްރާހިމް މުއާޒް އަލީ އުޅެނީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާއި އަދީބުއާ ގުޅުމެއް ނެތްކަމަށް ދައްކަން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މަވެސް ޕީޕީއެމް ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަމުން ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވުމުން މުއާޒު އުޅުނީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާގައި ލޯންޗުގައި އަލިފާން ރޯނުވާ ކަން ދައްކުވައިދީ ކުރީ ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން އަދީބު ޖަލުން ސަލާމަތްކޮށްދޭން ކަމަށެވެ.
އަދި އެ ހާދިސާ ތަހުގީގުކުރުމަށް ފުލުހުންނާއި ސިފައިން ހިމެނޭހެން އެކުލަވައިލި ކޮމިޝަނުގެ ތެރޭގައި ރަސްމީކޮށް އެ ވާހަކަތައް ދައްކަން މުއާޒު ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
”މުއާޒަކަށް އެ ލޯންޗުން އަލިފާން ފެނުނު ކަމަކަށް ނުވި. ދެން މި ގަބޫލުކުރެވެނީ އެކްސްޕްލޯޝަނެއް ހިނގައިފި ކަމަށް ވަންޏާ އަލިފާން އެކުލެވެން ވާނޭ. އަލިފާން ނެތިއްޔަކާ ލޯންޗު ގޮވީއަކީ ނޫން. މީހަކަށް ގެއްލުމެއްވެސް ނުވޭ. މިވަރުގެ ކަންތައް މި ސަރުކާރުން އެންޓަޓެއިން މިކުރަނީ.“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ސަރުކާރުން އަދީބާ އެކު ހަދާފައި އޮންނަ އެގްރީމަންޓުގައި އެންމެ ބޮޑު ޝަރުތަކަށް އޮތީ އެމްޑީޕީ ސަރުކާރު ދެމިއޮތްހާ ހިނދަކު ތަހުގީގު ނުކުރަން ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކަށް އިސްލާހެއް ގެންނަންޖެހޭ ކަމަށާއި ފިނިފެންމާ ލޯންޗު ގޮއްވާލުން ފަދަ ޓެރަރިޒަމްގެ އަމަލުތައް ހިންގުމުންވެސް އެފަދަ މައްސަލަތަކަށް ފުލުހުންގެ ޖިނާއީ ތަހުގީގެން ހިންގުމަށް ފަހު ނޫނީ ޕީޖީއަށް ހުށަހެޅެން ނޯންނަ ކަމަށްވެސް ޔާމީނު ވިދާޅުވި އެވެ.
”އަދި ދައުލަތުން މާފު ކުރުމާއި ކަންކަން ބެލުމާއި ކަންކަން ނުބެލުމާއި ތަހުގީގު ލަސްކުރުމާއި މީހުން ދޫކޮށްލާ ދޫކޮށްލުމާ، އެބަޖެހޭ ބަދަލުތަކެއް އަންނަން. ކީއްވެގެންތޯ އަހުމަދު އަދީބަށް މިވަރު ބޮޑު ލުޔެއްދޭން ދައުލަތުން ޖެހުނީ. ކީއްވެގެންތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މި ނިންމުނީ އެ ތަހުގީގު އަލުން ބަލުން ކުރަން. އެއީ ހުރިހާ މަރުހަލާއެއް ކަޑައްތުކޮށްފަ ނިންމާފަ އޮތް މައްސަލައެއް.“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ބަދަލުވާއިރަށް ކުރީގައި ނިންމާފައި ހުރި މައްސަލަތައް އެއްކޮޅުން އަނެއްކޮޅަށް ޖެހުމުގެ އިހުތިޔާރު ލިބޭ ކަމަށާއި އެއީ ދުނީގެ އެއްވެސް ގައުމެއްގައި އެކަން އޮންނަ ގޮތެއް ނޫން ކަމަށެވެ. ނަމަވެސް އާ ހެކިތަކެއް ލިބުމުން ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރާ ހާލަތުތައް އަންނަ ކަމަށާއި ރާއްޖޭގައި މިއުޅެނީ އެކަހަލަ ކަންތައްތަކެއް ވެގެން ނޫން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.