އެޗްޕީއޭ އިން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ މަންކީޕޮކްސް ރާއްޖެއަށްވެސް ބަލި އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ލަފާކުރެވޭތީ އާއްމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އިލްތިމާސް ކުރާކަމަށެވެ.
މިގޮތުން މަންކީޕޮކްސް އާއި މިފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ސާފު ކުރުމާއި މާސްކް އެޅުމުން އަދި އެއްވެސް އަލާމާތެއް ކުރިނަމަ އެހެންމީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
އަދި ހުންއައުމާއި، ގައިގައި ރިހުންފަދަ އަލާމާތްތަކާއެކު، ގޮށްލާ، ހަމުގައި ބިހި ނަގައިފި ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ އިނގިރޭސިވިލާތުގައި މަންކީޕޮކްސްގެ ކޭސްތަކެއް ރިޕޯޓްކުރުމާ އެކު އެޗްޕީއޭ އިން އެ އައުޓްބްރޭކްގެ ހާލަތު ބަލަމުން ކަމަށެވެ. އަދި އިއްޔެގެ ނިޔަލަށް 12 ގައުމަކުން 92 ކޭސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މަންކީޕޮކްސްގެ ކޭސްތައް އާންމުކޮށް ފެންނަނީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ނަމަވެސް އެއިން އެއްވެސް ގައުމަކާ ގުޅުމެއް ނެތް ތަންތަނުގައި ބަލި ފެތުރެން ފެށި ގޮތް ނޭނގި އެ ބަލި ފެތުރޭ މިއީ ފުރަތަމަ ފަހަރެވެ. އެހެންވެ ބައްޔާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އިން ދިރާސާތައް މިހާރު ފަށާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.