ކަޅުތެޔޮ ކޮތަޅަކުން ޑިމޮކްރެޓިކުން ފަހަތަކަށް ނުޖެއްސޭނެކަމަށް ”ދަ ޑިމޮކްރެޓްސް“ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މި ސަރުކާރުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ތެރެއިން އުފެދުނު ”ދަ ޑިމޮކްރެޓްސް“ ގެ ހަރުގެއަށް ރޭ ވަނީ ބަޔަކު ކަޅުތެޔޮ ޖަހާފައެވެ. އެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ވަގުތެއްގައި އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަމަލު ހިންގާފައިވަނީ ދެ ސައިކަލެއްގައި ދިޔަ ބައެކެވެ.
މިކަމާއި ގުޅިގެން މީސް މީޑިއާގައި ޝިއްޕެ ވިދާޅުވީ އެއީ ފިނޑި ޢަމަލެއް ކަމަށާއި ޑިމޮކްރެޓްސް ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.
”ކޮތަޅޭމެންގެ ކަޅުތެޔޮ ކޮތަޅަކުން ސިހޭނެ ކަމަށް ހީވީތޯ؟“ ސިއްޕެ ވިދާޅުވެފަ ވެއެވެ. އަދި އެއީ ފިނޑި ޢަމަލެއް ކަމަށާއި، އެކަމުން ޑިމޮކްރެޓިކުން ފަހަތަށް ނުޖެއްސޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައެވެ.
އާޓިފިޝަލް ބީޗުގެ ކުރިމައްޗަށް ވާ ގޮތަށް ހުންނަ ހ. ވެޔިވިލާ ގޭގައި ހަދާފައިވާ ”ދަ ޑިމޮކްރެޓްސް“ ގެ ޖަގަހަ އަކީ، އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް ކުރިން ބޭނުންކުރި ތަނެކެވެ. އެ ގޭގެ ވެރިފަރާތާ އެކު ހަދާފައި ވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އައި ތަނެކެވެ.
އެތަން ހުސްކުރަން ގޭގެ ވެރިފަރާތުން އެންގުމުން އެމްޑީޕީން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި، އެ ހަރުގެ އަތުލުން ހުއްޓުވުމަށް ސިވިލް ކޯޓުގައި އަމުރަކަށް އެދިފައެވެ. އެހެންނަމަވެސް ސިވިލް ކޯޓުން ނިންމާފައިވަނީ ކޯޓު އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް މިވަގުތު ފެންނަން ނެތް ކަމަށް ސިވިލް ކޯޓުން ބުނެފައި ވެއެވެ.