އަމިއްލަ ގައުމުގައި ދިވެހިންގެ މަތީގައި ބިދޭސީން އަމުރު މައުރޫފު ހިންގާ ގޮތް ނިންމުމަކީ ގަބޫލު ކުރަން ދަތި ނަމަވެސް މިއަދު ހަގީގަތެވެ. އަމިއްލަ ވިޔަފާރިއަށް ނުވަތަ ގޭތެރޭ މަސައްކަތަށް ގެންނަ ބިދޭސީ މީހާ ފިލިއަސް، ބެޗިއަސް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ދޭނެ ސަރުކާރު އިދާރާއެއް ފިޔަވަޅު އެޅޭނެ މުއައްސަސާއެއް ނެތެވެ. ފުލުހުންގެ މެންޑޭޓެއް ނޫނެވެ. އިމިގްރޭޝަނަށް ކުރެވޭނެ ކަމެއް އަޮތްކަމަކަށް ނުވެ އެވެ. އިކޮނޮމިނިސްޓްރީ އާއި ރައީސް އޮފީސް ވެސް ނިދާފަ އެވެ.
ދިވެހި ގައުމުގައި ގަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސިން މައްސަލަ އިންތިހާބަށް ބޮޑުވެފައި ވާއިރު، މިކަމަށް އެއްވެސް ހަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތަނެއް މިއަދާއި ހަމައަށް ފެންނާކަށް ނެތެވެ. ބާރުގަދަ މިނިސްޓަރު ކަމަށް ނަން މަސްހޫރު ފައްޔާޒު އިސްމާއިލްގެ މެންޑޭޓްގައި މައްސަލަ އޮތް ނަމަވެސް އެމަނިކުފާނުގެ މާބޮޑު ސައުގެއް މައްސަލައަށް ދެއްވާތަނެއް ފެންނާކަށް ނެތެވެ.
ރާއްޖޭން ބޭރުން މަސައްކަތު ވިސާގައި ރާއްޖެ ގެނައުމަކީ އިންތިހާއަށް ބޮޑު ހަރަދާއި ވަގުތު ހިނގާ ކަމެވެ. ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ކަންކަމާއި ކޯޓާ ނެގުމުން ފެނިގެން އެޖެންސީ އާއި ކުރެވޭ މުއާމަލާތަކުން އެތައް ދުވަހަކުން މަސައްކަތު ވިސާގައި މީހާ ރާއްޖެ އެތެރެވެ މާގިނަ ދުވަސްތަކެއް ނުވެ މީހާ ފިލަނީ އެވެ. ނުވަތަ އެހެން ތަނަކަށް މަސައްކަތު ދަނީ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ މަސްހޫރު ވިޔަފާރި ވެރިއަކު ބުނީ މީގެ 2 މަހެއްހާ ދުވަސް ކުރިން އޭނާގެ ބައެއް ފިހާރަތަކަށް ގެނައި އިންޑިޔާ ބަޔަކު ވެސް ފިލާފައިވާ ކަމަށާއި އެކަކު ހެންވާރު ކެފޭއެއްގައި މިހާރު މަސައްކަތް ކުރަން ގެންދާތަން ފެންނަ ކަމަށެވެ.
“ އަޅުގަނޑު ފުލުހުންނަށް ގުޅައިފިން އެތައް ފަހަރަކު. އިމިގްރޭޝަނަށް ގުޅައިފިން. މި އެބޭފުޅުންނަށް ކުރެވޭނެ ކަމެއް ނެތް. އެކަމަކު އެފިލި އެންމެން އެތިބެނީ އަހަރެން ކުންފުނީ ކޯޓާގައި. ދެން މީގެ މީހަކު މިސިންނަށް ލައިފިއްޔާ އެކޯޓާ އެބުލޮކުވީ. އެކޯޓާ ލިބޭނެ ގޮތެއް ނޯންނާނެ ހުރިހާ ތަކުލީފެެއް ދިވެހިންނަށް. ގާނޫނީ ކުށަކަށް މިވަނީ ދިވެއްސެއް ކުރީމަ. “ ވިޔަފާރިވެރިޔާ ކިޔައިދިނެވެ.
އޭނާ ބުނީ ރާއްޖެ އެތެރެވަނީ ވަކި އެގުރީމެންޓްތަކެއްގެ ދަށުން ވަކި މުއްދަތަކަށް މުސާރަ އެއްބަސްވެގެން ކަމުގައި ވީނަމަވެސް މިއަދު ރާއްޖޭގެ ސަގާފަތް އޮތް ގޮތުން އެހެންތަނަކުން ސަތޭކަ ރުފިޔާ ބޮޑުކޮށް މުސާރަ ދޭން ބުނި ނަމަވެސް ފުންފުނި ދޫކޮށް ފިލައިގެން ދަނީ ކަމަށެވެ.
އޭނާ ބުނީ ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލު ނުވެގެން އުޅެނީ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށާއި މިހާރު ވެސް ގާނޫނު ތަންފީޒު ކުރަން ފަށައިފިނަމަ މައްސަލަ ހައްލުވެގެންދާން މަސް ދުވަސް ނުނަގާނެ ކަމަށެވެ.
އެހެންމީހަކު ބުނީ އެގޭތެރޭ މަސައްކަތު މީހަކަށް ގެނައި ނޭޕާލް އަންހެނެއް ވެސް ގޭތެރޭ މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ ފިލައިގެން އެގޭ ދޮށުގައި ހުރި ފިހާރައެއްގައި މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
“ މި ގޭ ކުރިމަތީ ހުރި ފިހާރައެއްގައި މިހާރު އެމީހާ މިހާރު މަސައްކަތް ކުރަނީ. އެކަމުމަކު އަހަރެންގެ ކޯޓާގައި ގެނައީ އަހަރެން ޓިކެޓް ދީގެން. ފުލުހުން ކައިރީ ބުނެފިން އޭނާ ހައްޔަރުކޮށްގެން ނަމަވެސް ފުރުވާލަ ދޭށޭ. އަހަރެން ޓިކެޓް ވެސް ދޭނަމޭ. އެމީހުން ބުނަނީ މެންޑޭޓެއް ނޫނޯ.“ އޭނާ އަސަރާއި އެކު ކިޔައިދި ނެވެ.
ރާއްޖޭގައި ބިދޭސީން ގާނޫނާއި ހިލާފް އެތައް ކަމެއް ކުރަމުންދާ އިރުވެސް އެއްވެސް ސަރުކާރަކުން މިކަމަށް އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތެވެ. ހަގީގަތުގައި ވެސް ބިދޭސީންގެ މައްސަލަ ބޮޑުވެ ދިވެހި ގައުމުގައި ދިވެހިން ބީރައްޓެހި ނުވަނީސް ފިޔަވަޅުއަޅަން ޖެހެ އެވެ.