ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ ރައްޔިތުންގެ އަޑު ނާހާ ސަރުކާރެއް ކަމަށާއި, މިއަދުގެ ސަރުކާރަކީ ގަބު އަދި މަންމަން ސަރުކާރެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އިބުރޭ ސަރުކާރުގެ އެންމެ ބޮޑުބައި ހިއްސާ ކުރާ ޖޭޕީގެ އަޒްލީން މިހެން ވިދާޅުވީ, ރޭ ސަލްޓަން ޕާކްގައި އޮތް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޕެއިން ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
އަޒްލީންގެ ވާހަކަފުޅުގައި ވިދާޅުވީ, އެމަނިކުފާނަކީ ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން އިކޮނޮމިކް ކިޔަވައިދިން ޓީޗަރެއް ކަމަށާއި, އެހެންކަމުން އެދާއިރާގެ ކަންކަން އިނގި ވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދާއި ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
އަޒްލީން ވިދާޅުވީ, މިއަދު ދިވެހި ރައްޔިތުން ތިބީ އަނގަޔާއި އަތާ ދިމާނުވާ ހާލަތެއްގައި ކަމަށެވެ. ނަމަވެސް ސަރުކާރުގައި ޚަރަދު ކުޑަކުރުމުގެ ވިސްނުން ނެތް ކަމަށް ވިދާޅުވެ, ފާޑު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ, ރާއްޖެ “ފުޑުފުޑު”ވަމުންދާއިރު ވެސް ރައްޔިތުންގެ އާދޭހާއި، ޝަކުވާތަކާއި ކަންބޮޑުވުންތަކުގެ އަޑު ސަރުކާރުން ނާހާ ކަމަށް އަޒްލީން ވިދާޅުވިއެވެ.
”މި ސަރުކާރަކީ، ހަމަސީދާ ގަބު، މަންމަން ސަރުކާރެކޭ ދެންނެވެން އެބައޮތް. މި ސަރުކާރުގެ ކަންފަތަށް ދިވެހި ރައްޔިތުންގެ އަޑެއް ނީވޭ.” އަޒްލީން ވިދާޅުވިއެވެ.
އަޒްލީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, އަސާސީ ބައެއްކަންކަން ސަރުކާރުން ފުރިހަމަކޮށްދީފައި, ވޯޓް ޔަޤީން ކުރައްވައިގެން މިއަދު ސަރުކާރުން ތިބި ނަމަވެސް އެކަން ހިނގާނީ އެހެން ނޫން ކަމަށެވެ. އަދި ރައްޔިތުން ތިބީ އެއަށްވުރެ ހޭލާ ކަމަށް ވިދާޅުވިއެވެ.
“ރައްޔިތުންނަށް އަސާސީ ހައްގުތަކެއް ސަރުކާރު ތެރެއިން ފޯރުކޮށްދީފަ، ރަށްރަށުގެ ބަނދަރު ހަދާފައި، ތިމަންނަމެންނަށް ކުދިކުދި ރަށްތަކުން ހުރިހާ ވޯޓުތަކެއް ކަށަވަރުވެއްޖެޔޭ ބުނާއިރު، ދިވެހި ރައްޔިތުން ތިބީ ނިކަން ރަނގަޅަށް ހޭލާ” އަޒްލީން ވިދާޅުވިއެވެ