ދޮންބާސަށް ދޭ ޙަމަލާތައް ރަޝިޔާއިން ވަރުގަދަކޮށްފި
ދެންމެ | 22 މެއި 2022

ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސަށް ދެމުންދާ ޙަމަލާތައް ރަޝިޔާއިން ވަރުގަދަކޮށްފިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ޙަމަލާދިނުމަށް ރަޝިޔާއިން ބޭނުންކުރި އެއް ސަރަޙައްދަކީ ދޮންބާސެވެ. އޭރުވެސް ދޮންބާސްގެ ބޮޑު ބައެއް އޮތީ އަމިއްލައަށް މިނިވަންކަން ހޯދުމަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކުގެ ދަށުގައެވެ. އެހެންކަމުން އެ ސަރަޙައްދުތަކުން ކުރިއަރަން ރަޝިޔާގެ ފައުޖުތަކަށް ފަސޭހަވިއެވެ. ފާއިތުވި ދުވަސްތަކުގައި ދޮންބާސްގެ ލުހާންސްކަށް ދެމުންދާ ޙަމަލާތައް ރަޝިޔާއިންވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އޭގެ އިތުރުން ދޮންބާސްގެ ދޮންޔެސްކުގައި އޮންނަ މެރިއުޕޯލުވެސްވަނީ ރަޝިޔާގެ އަސްކަރިއްޔާގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފައެވެ. އެއީ ހަނގުރާމާގައި ރަޝިޔާގެ ބާރުގެ ދަށަށް ގެންދިޔަ ޔޫކްރެއިނުގެ އެންމެ ބޮޑު ރަށެވެ. އެއާއެކު ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސުން ފެށިގެން ދެކުނުގައި އޮންނަ ކުރައިމިޔާގެ ދެމެދުގައި އޮންނަ ހުރިހާ ސަރަޙައްދެއްވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ވިދާޅުވެފައިވަނީ ދޮންބާސްގައި އެ ޤައުމުގެ ފައުޖުތަކަށް ކުރިމަތިވެފައިވަނީ ވަރަށް ދަތި އަދި އުނދަގޫ ޙާލަތެއްކަމަށެވެ. ނަމަވެސް ޙަމަލާބަދަލުކުރުން ހުއްޓާލައި ފަހަތަށް ޖެހުމުގެ އެއްވެސް ވިސްނުމެއް ޔޫކްރެއިނުގެ ފައުޖުތަކުން ނުގެންގުޅޭނެކަމަށް އޭނާ ވިދާޅުވިއެވެ. ޙަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެނަމަ އެ ދަނޑިވަޅުގެ ބޭނުންކޮށްގެން ރަޝިޔާގެ ޙަމަލާތައް ވަރުގަދަކުރުމުގެ ފުރުޞަތު ހޯދާނެކަމަށް ޔޫކްރެއިނުން ޤަބޫލުކުރެއެވެ. އެ ޤައުމުން ބުނެފައިވާ ގޮތުގައި ރަޝިޔާގެ ފައުޖުތަކުން މަސައްކަތްކުރަނީ ދޮންބާސްގައި އޮންނަ ދޮންޔެތްސް ކޯރު ހުރަސްކުރަންށެވެ. އެ ކޯރު ހުރަސްކުރެވިއްޖެނަމަ ރަޝިޔާއިން ދެމުންދާ ޙަމަލާތައް އެއްވެސް ހުރަހެއް ނެތި ވަރަށް ބޮޑަށް ފުޅާކުރެވޭނެއެވެ.

ފާއިތުވި މަސްދުވަހުގެ ތެރޭގައި ރަޝިޔާއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދޮންބާސްގެ ދެ ދަޢުލަތްކަމަށްވާ ލުހާންސްކާއި ދޮންޔެސްކް އެ ޤައުމުގެ ބާރުގެ ދަށަށް ގެނައުމަށެވެ. ލުހާންސްކާއި ދޮންޔެސްކަކީ ތާރީޚީގޮތުންނާއި ޘަޤާފީގޮތުން ރަޝިޔާއާ ގާތްގުޅުންތަކެއް އޮންނަ ދެ ސަރަޙައްދެވެ.

ގުޅުންހުރި ލިޔުންތައް