ފަސްކުޅަދު މަދު ރާއްޖޭތެރޭ މީހުންނާއި މާލޭ ބޭފުޅުންގެ ތަފާތު ކުރުމުގެ ތާރީހަކީ މިއަދު ކަމެއް ނޫނެވެ. ޒަމާނުން ސުރެ، ރާއްޖެތެރޭ މީހުންނާއި މެދު ދިވެހި ސަރުކާރުތަކުން އިހްމާލް ވަމުންދާ ކަމީ އެންމެން ދަންނަ ހަގީގަތެކެވެ.
ރައީސް އިބުރޭ ސަރުކާރުން ވެސް ވަނީ މިތާރީހީ އާދަކާދަ ދަމަހައްޓައި އޮބަހައްޓާފަ އެވެ. ތެދެކެވެ. ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކުމަށް ގަސްތުކޮށްފައިވާ މާލޭ ސަރަހައްދުތަކުގެ ބިންތައް މާލޭ ބޭފުޅުންނަށް ރައީސް އިބުރޭގެ ސަރުކާރުން ބަހާލާފައި ވަނީ ހަމައެއް ލަމައެއް ނެތި އެވެ.
ފަސްކުޅަދު މަދު ރާއްޖެތެރޭ ގަބުޅި ކަތީބުންނަށް ކުޑަ ބޭރި ވެސް ނޭރޭފަދަ ގޮތަަކަށް ގަވައިދު ހަދާ އިބުރޭގެ ސަރުކާރުގެ އިސްވެރިންނާއި ރަހްމަތްތެރިންނަށް މާލޭ ސަރަހައްދުގެ ބިންތައް ބަހާލާފައި ވަނީ އިންޑިޔާގެ ބޮންދުންނާއި ބޮޑެތި މުޖުރިމުންވެސް ހިމަނައިގެންނެވެ.
އާއެކެވެ. ދިވެހި އަންހެނަކާއި ކައިވެނިކޮށްގެން އުޅޭ އިންޑިޔާގެ ރައްޔިތަކަށް މާލޭގެ އަގުބޮޑު ބިމަށް ސަރުތު ހަމަވެފައިވާއިރު، ޑރ. އަފްރާސީމްގެ ގާތިލް ހުމާމަށް ވެސް ވަނީ މާލޭގެ އަގުބޮޑު ބިމުން ގޯތިދީފަ އެވެ. އަދި ރާއްޖެތެރޭ މީހުން ކުރިމަތި ވެސް ނުލެވޭ ގޮތަށް ސަރުކާރުން ވަނީ ހަރުކަށި ގަވައިދު ހަދާފަ އެވެ.
ރައީސް އިބްރޭގެ ދައުރުގައި 2019 ވަނަ އަހަރު ދިވެހި ރައްވެހިކަމުގެ ޕީއާރު ޕާސްޕޯޓެއް ހައްދާފައިވާ އިންޑިޔާގެ ރައްޔިތު މީހާއަށް ފުރަމާލޭގެ ޖަވާހިރު ބިން ދީފައި ވަނީ އޭނާގެ ވިޔަފާރިތަކުން ދިވެހި ދައުލަތަށް ޓެކްސް ދައްކާތީޔޯލަ އެވެ. ވާނީވެސް އެހެންތާ އެވެ. ރާއްޖެތެރޭ ގަބުޅި ކަތީބުން ދިވެހި ބިމުގައި ދިރިއުޅެމުން ދަނީ ދިވެހި ދައުލަތަށް ޓެކްސްގެ ގޮތުގައި ލޯލާރި އެއްވެސް ނުދީ ވިއްޔާ އެވެ.
އިބްރޭގެ ސަރުކާރުން ހިންގާފައިވާ މިބޮޑު ޖަރީމާގެ ވާހަކަ ދެއްކި މާލޭ ބޭފުޅަކު ވިދާޅުވީ މިއީ މާލޭ މީހުންގެ ބޮލުގައި އަޅުވާފައި ރައީސް އިބްރޭ ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށާއި މިކަމަށް އިންސާފް ލިބެންޖެހޭ ކަމަށެވެ.
“ އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ހިލޭ ބިން ބަހަންޖެހޭނެ ކަމަކަށް. ވަކިން ހާއްސަކޮށް މާލޭ ސަރަހައްދުން މިގޮތަށް ހިލޭ ބިން ބެހުމަކީ ދިވެހި ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް.“ އެބޭފުޅާ ވިދާޅުވި އެވެ.
އެބޭފުޅާ ވިދާޅުވީ މި ގޯތިތައް ބެހުން ވަގުތުން ވަގުތަށް ހުއްޓުވަން ޖެހޭ ކަމަށާއި ސްޕްރީމް ކޯޓަށް ގޮސްގެން ނަމަވެސް ރައީސް ހިންގާ މި ޖަރީމާ ހުއްޓުވަން ޖެހޭ ކަމަށެވެ.
“ ސަރުކާރުން އެ އަރަައިގަންނަނީ މުޅި ދިވެހި އުއްމަތުގެ ހައްގަށް. އަންނަން އޮތް ޖީލްތަކުގެ ހައްގަށް. މިކަން ހުއްޓުވަން ޖެހޭ.“
އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ބިިންކޮޅުގައި ދިރިއުޅޭ މާލޭ ބޭފުޅުންނަށް ގޯތި ދިނުމުގެ ނަމުގައި އިބްރޭ ސަރުކާރުން ހިންގާފައިވަނީ ދިވެހި ތާރީހް ނުދެނުކޭ ވަރުގެ ބޮޑު ޖަރީމާ އެކެވެ. މުއްސަދިންނާއި ސަރުކާރުގެ ވެރިން މެދުގައި ގޯތިތައް ވަނީ ބަހާލާފަ އެވެ.
އިބުރޭގެ ސަރުކާރުގެ ދިފާއުގައި ކަރުންނާރު ނަގާ ހަޅޭލަވާ މެމްބަރު ރޮޒައިނާގެ ދެމަފިރިންނަށް ގޯތި ދީފައިވާއިރު، މަޖިލީސް އިތުރު މެމްބަރުންތަކަކަށް ވެސް ވަނީ ގޯތި ބަހާލާފަ އެވެ. މާލޭ މޭޔަރު މުއިއްޒުގެ އަނބިދަރިންނަށް ގޯތި ދީފައިވާއިރު، މިނިސްޓަރުނ ްގެ އާއިލާތަކުގެ ބޭފުޅުންނާއި ސިޓީ ކައުންސިލަރުންނަށް ވަނީ ގޯތި ދީފަ އެވެ.
ދިވެހި ދައުލަތުން ނިކަމެތި ފަގީރުންގެ ގޮތުގައި ބޮޑެތި މުއްސަދިންނާއި ރައީސް އިބްރޭގެ ސަރުކާރުގެ ވެރިންނާއި އޭނާގެ ރަހްމަތްތެރިން ފެނިގެން ދިއުމަކީ އަޖައިބެއް ފަދަ ކަމެކެވެ.