މީސްމީޑިއާގައި މީހަކު އެކަން ހިއްސާ ކޮށްފައިވަނީ އޭނާއަށް އެކަން ތަޖުރިބާ ކުރެވިގެންނެވެ.
އެގޮތުން އެމީހާ ފޭސްބުކުގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަންމަތީ ފިހާރައަކުން އިއްޔެ އޭނާ ކޯސްޓް ކިރު ދަޅެއް ގަނެގެން އޭގެ މަތިގަނޑު ނަގައި އެތެރޭގައި ހުންނަ ފޮއިލްގަނޑު ނެއްޓި ހިސާބުން އެދަޅުގެ އަސްލާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.
”ސަބަބަކީ ވަރަށް ފަސޭހައިން ފޮއިލްގަނޑަށް ދަމާލުމާއިއެކު އޭތި އަތަށް އައުމެވެ. އަދި ފޮއިލްތައް ކުރަން ލާފައި ހުރި ތެރަހެއް ފެންނާން ހުއްޓެވެ.“ އޭނާ ބުންޏެވެ.
އޭނާ ބުނީ ފޮއިލްގަނޑު ނައްޓައި ދަޅުގެ އެތެރެ ބެލިއިރު، ހިކި ކިރުގެ ބަދަލުގައި ހުރީ ގޮދަންފުށް ޒާތުގެ އެއްޗެއް ކަމަށާއި އެހެން ކަމުން ވަގުތު އޭތި ގަތް ފިހާރައަށް އެ ދަޅު ހިފައިގެން ދިޔަ ކަމަށެވެ. އަދި ފިހާރައަށް ދިއުމުން އެމީހުން ބަލާފައި އެއީ އަސްލެއް ނޫން ކަމަށް ބުނެ ފައިސާ އަނބުރާ ދިން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ފިހާރައިގެ މީހުންނާއި ހަވާލާދީ އޭނާ ބުނީ، އެމީހުން ވެސް އެ ގަނެފައިވަނީ ސަޕްލައި ކުރާ ތަނަކުން ކަމަށެވެ.
ކޯސްޓް ކިރުގެ ނަމުގައި ގޮދަން ފުއް ވިއްކަން ފަށާފައިވާއިރު، ފާހަގަ ކޮށްލެވޭ ކަމަކީ މިދިޔަ ރޯދަ މަހުގެ ފަހު ކޮޅުން ފެށިގެން ރާއްޖޭން ކޯސްޓް ކިރު ވަނީ ހުސްވެފައެވެ. އަދި އެ ކިރު ރާއްޖެއަށް ލިބެން ފަށާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަން ވެސް ފާހަގަ ކޮށްލެވެއެވެ.