ޖަޕާނު މީހުން އާއްމުކޮށް ތިބެނީ ވަރަށް ލޫޅާފަތިކޮށެވެ. އެމީހުން އެގޮތަށް އުމުރުދުވަހު ހަށިގަނޑު ގެންގުޅެވުމުގެ މައިގަނޑު ސިއްރަކީ އެމީހުން ދިރިއުޅުމުގައި ގެންގުޅޭ ހަރުދަނާ ވައްޓަފާޅިއެވެ.
އެހެންކަމުން ތިރީގައި މިވަނީ ޖަޕާނު މީހުންގެ ކެއުމާއި ދިރިއުޅުމުގެ އާދަތަކުގެ ތެރެއިން ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ބައެއް އާދަތެކެވެ.
1. ކާތަކެތި ރަނގަޅަށް ހެފުން؛
ހަމަޖެހިގެން ތިބެ ކެއުމަށް ބޭނުންވާ ވަގުތު ހޭދަކޮށް ކާތަކެތީގެ ރަހަ ރަނގަޅަށް އިހުސާސްކުރެވޭ ގޮތަށް މަޑުމަޑުން ހަފައިގެން ކެއުމަކީ ކެއުމުގެ އަދަބު ތަކުގެ ތެރެއިން އެމީހުން ގެންގުޅޭ ރަނގަޅު އާދައެކެވެ. ކާތަކެތި ރަނގަޅަށް ހަފައިގެން ކެއުމަކީ ހަޖަމު ކުރުމަށް ފަސޭހަވެގެންދާ ކަމެކެވެ.
2. ހެނދުނުގެ ނާސްތާއަށް ބޮޑަށް ސަމާލުވުން؛ ޖަޕާނު މީހުން ދެކޭގޮތުގައި ހެނދުނުގެ ނާސްތާއަކީ ކެއުމުގެ ހުރިހާ ވަގުތުތަކުގެ ތެރެއިންވެސް އެންމެ މުހިންމު މަގުތެވެ. އެހެންކަމުން އެންމެ ރަނގަޅަށް، ނުވަތަ ގިނައިން ކާނީ ހެނދުނުގެ ނާސްތާގައެވެ. މިގޮތުން ހެނދުނުގެ ނާސްތާގައި ގްރިލް ކޮށްފައި ހުންނަ މަހާއި ބަތާއި އަދި ޕޮރިޖު ބޭނުން ކުރެއެވެ. އެހެންކަމުން އެމީހުންގެ ހެނދުނުގެ ނާސްތާ ވެގެން ދަނީ ޕްރޮޓީން އާއި ކާބްސް ގިނައިން ލިބިގެންދާ ކެއުމެއްގެ ގޮތުގައެވެ. އަދި މިއީ މީހާގެ ބަނޑު ފުރި، މެންދުރުގެ ކެއުމާއި ހަމައަށް ބޭކާރު ލުއި ކާތަކެތި ކެއުމަށް ބޭނުންވުން ކުޑަކޮށްދޭނެ ކަމެއްވެސް މެއެވެ.
3. ޕޯޝަން ކޮންޓްރޯލް ކުރުން؛
ޖަޕާނު މީހުން އާއްމުކޮށް ކުޑަ ތަށިތަށީގައި ކައި އުޅޭތަން ފެންނާނެއެވެ. އެއީ ކެއުމުގައި ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކާނާ ނުކެއުމަށް އެހީތެރިވެދޭނެ ކަމެކެވެ. ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ކެއުމުގައި ގެންގުޅޭ ޕޯޝަން ސައިޒު ކުޑަ ކުރުން ވަރަށް މުހިންމެވެ.
4. މާގިނައިން ނުކެއުން؛
ޖަޕާނު މީހުންގެ އަދަބީ ބަހެއް ކަމުގައިވާ ”ހަރަ ހަޗި ބު“ މިކެއުމުގެ މުހިންމުކަން ބުނެދިނުމަށް ކިޔައި އުޅެއެވެ. މީގެ މާނައަކީ ބަނޑުގެ %80 ފުރެންދެން ކާށެވެ. އެހެންކަމުން ކާތެކި މީރުވިޔަސް އަލާކެނޑޭވަރަށް ކެއުމަކީ ކެއުމުގެ އަދަބާ ޚިލާފު ކަމެކެވެ.
5. މާގަދަޔަށް ކައްކާފައި ހުންނަ ތަކެތި ނުކެއުން؛ ޖަޕާނު މީހުންގެ ކެއުމުގައި އެމީހުން ބޮޑަށް ކައި އުޅެނީ މާބޮޑަށް ކައްކަން ނުޖެހޭ ނުވަތަ ތެޔޮ މާގިނައިން ބޭނުން ކުރަން ނުޖެހޭ ގޮތަށް ކާތަކެތި ރޯފިލުވުމުގެ ގޮތްތައް ބޭނުންކޮށްގެން ތައްޔާރު ކުރެވޭ ކާނާއެވެ. މިގޮތުން ރާހުތަށް އެޅުމާއި ފާމެންޓު ކުރުން އަދި ތަވާޔެއްގައި ކުޑަކޮށް ހަނާކޮށްލުން ހިމެނެއެވެ. ތެޔޮ ބޭނުންކުރުން މަދުކުރުމުން ހަށިގަނޑަށް ގެއްލުންދޭ ފެޓްސް މަދު ކުރެވޭނެއެވެ.
6. ފުށުގެ ބާވަތްތަކުގެ ބަދަލުގައި ހަނޑޫ ބޭނުންކުރުން؛
ޖަޕާނުގެ ގިނަ ރެސްޓޯރެންޓްތަކުން ޕާންފަދަ ތަކެތި، މެއިން ކޯރސް ނުވަތަ މައިގަނޑު ކެއުމާއިއެކު ނުދެއެވެ. ސަބަބަކީ ޖަޕާނު މީހުންނަށް ފުށުގެ ބަދަލުގައި ކަމުދަނީ ބަތެވެ. ފުށަކީ ފެކްޓްރީގައި ރިފައިން ކޮށް ހިމުން ކުރުމަށް ގިނަ މަރުހަލާތަކެއް ކަޑައްތު ކުރާ އެއްޗަކަށް ވުމުން، ޕެކެޓް ކުރެވޭ މައިގަނޑު ޕްރޮޑަކްޓުގައި ހަށިގަނޑަށް ފައިދާ ހުރި ބާވަތްތައް ލިއްބައިދޭ މިންވަރު ކުޑަވެއެވެ.
7. މާޗާ/ ގްރީން ޓީ؛
ގްރީންޓީ އަށް ބޭނުންވާ ސައިފަތް ހިމުންކޮށް ތައްޔާރުކުރެވިފައިވާ މާޗާ އަކީ ޖަޕާނު މީހުން ފެނަށް އަޅައިގެން ވަރަށް ގިނައިން ބޯ ބުއިމެކެވެ. މީގައި ހަންގަނޑަށް ފައިދާހުރި އެންޓި އޮކްސިޑެންޓްސް ގިނަކަން ފާހަގަ ކުރެވެއެވެ.
8. ސީވީޑް/ މޫދު ވިނަ؛ މުދުގައި ގިނަ ވައްތަރުގެ މޫދު ވިނަ ހުރެއެވެ. މިއީ ޖަޕާނު މީހުން ކެއުމުގައި ބޭނުންކުރާ އާއްމު ބާވަތެކެވެ. އަދި މިއީ އޮމެގާ 3 އަދި ވިޓަމިންއާއި މިނަރަލް ގިނަ ބާވަތެއްކަންވެސް ފާހަގަ ކުރެވެއެވެ.
9. ސޯއި ބީންސް؛
ސޯއި ބީންސް އަކީ ހަށިގަނޑަށް ފައިދާހުރި ފެޓްސްގެ ބާވަތްތަކާއި ޕްރޮޓީން އަދި ފަސޭހައިން ހަޖަމު ކުރެވޭ ކާބްސް އެކުލެވޭ ބާވަތެކެވެ. ސޯއީ ޕްރޮޓީންއަކީ ހަކަތަ އިތުރުކޮށްދޭވެސް ބާވަތެކެވެ. އަދި ބަރުދަން ލުއި ކުރުމަށް އެހީތެރިވެ ހޯމޯން ބެލެންސް ކުރުމަށްވެސް ސޯއީ ބީންސް އެހީތެރިވެދެއެވެ. ޖަޕާނުގައި ސޯއީ ބީންސްއަކީ ކެއުމުގައި ހިމެނޭ މުހިންމު ބާވަތެކެވެ.
10. ފޮނި އެއްޗެހި ނުކެއުން؛
ޖަޕާނު މީހުންނަކީ ފޮނި އެއްޗެހި އެހާ ގިނައިން ކައި އުޅޭ ބައެއް ނޫނެވެ. ޖަޕާނުގައިވެސް ގިނަ ބާވަތްތަކުގެ ފޮނި ކާތަކެތި ލިބެން ހުރި ނަމަވެސް އާއްމު މީހުން ފޮނި އެއްޗެހީގެ ބަދަލުގައި ކައި އުޅެނީ ކުޅި ނުވަތަ ލޮނުލީ ބާވަތްތަކެވެ. ފޮނި އެއްޗެހީގައި ހިމެނޭ ކެލޮރީ ގިނަވެފައި ހަށިގަނޑަށް ލިބޭ ގެއްލުން ބޮޑެވެ.