މީޑިޔާ ކައުންސިލް ރައީސްގެ އިސްތިއުފާގެ އަޑު ގަދަވާން ފަށައިފި
ދެންމެ | 22 މެއި 2022

މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭއިރު ވެސް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސްގެ މަގާމުގައި ޝަހުބާން ފަހުމީ ހުންނަވާތީ އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑު ގަދަވާން ފަށައިފި އެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ޝަހުބާންގެ އިތުރުން އޭނާގެ ބޭބެ، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ވެސް ކުރެ އެވެ.

އެ މައްސަލައިގައި ދެ މީހުން ވެސް ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

ދައުރު ނޫހުގެ މެނޭޖިންގ ޑިރެކްޓަރ ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ މީޑިއާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި ޝަހުބާން މަގާމުގައި ދެމިހުރުން ރަނގަޅު ނޫން ކަމަށެވެ. އޮންލައިން ނޫސްތައް ރެގިއުލޭޓުކުރާ ކައުންސިލްގެ އިސްވެރިއަކަށް ހުންނަން ޖެހޭނީ، ތުހުމަތުތަކުން އެއްކިބާވެފައިވާ ފަސްބައި ސާފު މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިޔާ ކައުންސިލްގެ ކުރީގެ މެމްބަރު އަދި ދިއެމްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މީޑިޔާ ރެގިއުލޭޓް ކުރުމަށް ދައުލަތުން އުފައްދާފައިވާ މިނިވަން މުއައްސަސާއެއްގެ ރައީސް އަކަށް މިފަދަ ތުހުމަތެއް ކުރެވި ތަހްގީގް ފެށުމުން ބުއްދިވެރި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށެވެ.

”އަދަދު“ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވުމަކީ ކުށްވެރިވާންޖެހޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޝަހުބާންގެ މައްޗަށް ކުރަނީ އާދައިގެ ތުހުމަތެއް ނޫން ކަމަށް ވާތީ، ރީތި އަހުލާގަކީ ނޫސްވެރިއެއްގެ ގޮތުގައި އެ މަގާމުގައި ނުހުރުން ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

އެމްއެމްސީގެ ކުރީގެ ރައީސް މުހަންމަދު އާސިފް (މޮންދު) ވިދާޅުވި ގޮތުގައި އެކަހަލަ ބޮޑު ތުހުމަތެއް އޭނާގެ މައްޗަށް ކުރެވޭ އިރު މުއައްސަސާ އަށް ޓަކައި ވެސް މަގާމުން އެކަހެރިވެލުމަކީ އެންމެ ރީތި ގޮތް ކަމަށެވެ.

އެ ތުހުމަތުތައް ދޮގުކުރައްވަމުން ޝަހުބާން ކުރިން ވިދާޅުވީ އެމްއެމްސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ފަހުން ގުޅުމުން އޭނާގެ ފޯނަކަށް ޖަވާބެއް ނުދެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!