މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި ނައިބު ރައީސް ފައިސަލް ނަސީމް ޙައްޖަށް ވަޑައިގެންނެވިއިރު، ސެކިއުރިޓީގެ ބަދަލުގައި އެ ޖާގަތަކަށް ޙައްޖަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްއާ ރޮޒައިނާގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒްއާ އެ ދެމަފިރިންގެ ދަރިފުޅު ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ނަންހާމަ ނުކުރުމަށް ޝަރުޠު ކުރައްވާ އަށް މަޢުލޫމާތު ދެމުން އޮފިސަލަކުު ބުނީ ނައިބު ރައީސްގެ ސެކިއުރިޓީ ރާއްޖެއާ ރާއްޖެއިން ބޭރުގައި ބެލެހެއްޓުމަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، އެސްޕީޖީގެ ޒިންމާއެއް ކަމަށެވެ. ދިވެހިރާއްޖޭގެ ނައިބު ރައީސް މިގޮތަށް އެކަނި ރާއްޖެއިން ބޭރަށް ފުރުވާލުމަކީ ސިފައިންނަށް ނުކުރެވޭނެ ކަމެއް ކަމަށާ ނައިބު ރައީސްގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ޤާނޫނުން ސިފައިންނާ މަތިކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އެހެން ކަމުން ނައިބު ރައީސް ޙައްޖަށް ވަޑައިގަންނަވާއިރު އަރިހުގައި އެމަނިކުފާނުގެ ސެކިއުރިޓީގައި ޙައްޖަށް ގެންދާނެ 3 އޮފިސަރުން ކަނޑައަޅުއްވާ އެކަން އެފަރާތްތަކަށް އެނގެވިކަމަށް އެ ފަރާތުން ވިދާޅުވިއެވެ.
އަދި އޭނާ ބުނީ ނައިބު ރައީސް ފައިސަލް ނަސީމް ފުރުއްވި ރޭ ސެކިއުރިޓީ ބަލަހައްޓަން ހަމަޖެހުނު 3 އޮފިސަރުން ޙައްޖަށް ދާން ތައްޔާރުވެލައްވައިގެން އިޙުރާމް ބަންނަވައިގެން އެއާޕޯޓަށް ވެސް ވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް އެ 3 އޮފިސަރުންނަށް ދޭންޖެހޭ ޖާގަ ރޮޒައިނާގެ ޢާއިލާއަށް ދީފައި އޮތް ކަން އެ އޮފިސަރުންނަށް އަންގައިފާ ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެކަން އެހެން ނުކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިކަމަކީ ސަރުކާރުގެ ނުފޫޒުގައި ކުރި ކަމެއްކަން އެނގޭ ނަމަވެސް އެކަން ކޮށްފައިވަނީ ކޮން އިދާރާއެއްގެ ނުފޫޒުން ކަން އެނގިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރޮޒައިނާ ޙައްޖަށް ވަޑައިގެންފި ކަމަށް ބުނެ މީސްމީޑިއާގައި އެބޭފުޅާ ބުރުގާ ތުރުކުރައްވައިގެން އިންނަވާ ފޮޓޯއެއް މިސްމީޑިއާގައި ދައުރުވަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.
ދާދިފަހުން ސަރުކާރުން އާންމު ކުރެއްވި މާލެއިން ހިލޭ ގޯތި ލިބޭ މީހުންގެ ލިސްޓްގައި ވެސް ރޮޒައިނާގެ ދެމަފިރިކަނބަލުންގެ ނަން ހިމެނޭކަން ފާހަގަކޮށް ގިނަބަޔަކު ފާޑުކިޔަމުން އަންނަކަން ފާހަގަ ކުރެވެއެވެ.