ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފެއްދެވި މޯލްޑިވްސް ޓާޑްވޭ ޕާޓީ (އެމްޓީޑީ) ގެ ނައިބު ރައީސް ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ހަމަޖައްސައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި މުއާޒު އެމްޓީޑީ އަށް ސޮއިކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
އެމްޓީޑީން މިއަދު ބުނީ އެ ޕާޓީގެ ނައިބު ރައީސް ކަމަށް މުއާޒު ހަމަޖައްސާފައިވާ ކަމަށެވެ. މުއާޒު އެ މަގާމަށް ހަމަޖެއްސީ އެ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކުރުމުންނެވެ.
Former Spokesperson of President office,@IbrahimMuazAli
has been appointed as Vice President of Maldives Third-Way Democrats – MTD!#AaHiyaalu pic.twitter.com/p3dchh9CkB
— Maldives Third-Way Democrats (@MTDSecretariat) May 22, 2022
ޕީޕީއެމްގައި ކުރިން އުޅުއްވި މުއާޒަކީ ކުރީގެ ރައީސް ޔާމީންގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަދެއްކެވި ފަރާތެކެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު އޭނާ ވަނީ ޔާމީންއާ ދެކޮޅަށް ވާހަކަދައްކަވަން ފައްޓަވާފަ އެވެ. އެގޮތުން ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅޭ އާ ވާހަކަތަކެއް ވެސް ވެރިކަން ބަދަލުވުމުން މުއާޒު ދެއްކެވި އެވެ.
އެގޮތުން ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި އަލިފާނުގެ ކަންޏެއް ވެސް ފެނިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެ ދުވަހުގެ ހާދިސާ ހިނގުމުގެ ކުރިން އާދަޔާ ހިލާފު ބައެއް ކަންކަން ހިނގާފައިވާ ކަމަށް މުއާޒު ވަނީ ވިދާޅުވެފަ އެވެ.