ނަރުހުންނާއި ކައިވެނިކުރާ ނުވަތަ ލޯބީގެ ގޮތުން ގުޅޭ މީހުންނަކީ އެންމެ އުފާވެރި އަދި ކާމިޔާބު ހަޔާތެއް ލިބިގެންދާ މީހުންކަމަށް ތޯޓްސް ކެޓަލޮގް ނަމަކަށް ކިޔާ އޮންލައިން މަޖައްލާއަކުން ބުނެފިއެވެ.
މި މަޖައްލާގައި ބުނާގޮތުން ނަމަ ނަރުހުންނަކީ ކޮންމެ ދުވަހަކުވެސް ފުރާނައަށް ނުރައްކާވާފަދަ އެތައް ހާލަތްތަކަކާއި ކުރިމަތިވާ މީހުންނެވެ. ވުމާއިއެކު އެމީހުންގެ އަމިއްލަ ހަޔާތުގައި ކުރިމަތިވާ ޕްރެޝަރުން ފުރިފައިވާ ހާލަތްތަކާއި ކުރިމަތިލުމަކީ އެމީހުންނަށް ވަރަށްވެސް އާދައިގެ ކަމަކަށް ވަނީ ވެފައެވެ.
ނަރުހުންނަކީ ސިއްހީގޮތުންވެސް އެތައް އެތައް ހުނަރުތަކެއް ލިބިފައިވާ ބަޔަކަށްވުމާއިއެކު އެމީހުންނަށް ގޭތެރޭގައި ދިމާވާ އެކިކަހަލަ ސިއްހީ މައްސަލަތަކުގައިވެސް އަމަލުކުރާނޭ ގޮތުގެ ތަމްރީނު ވާނީ ލިބިފައެވެ.
ނަރުހުންނަކީ ބައެއްވަގުތުތަކުގައި މަޖާކުރަންވެސް ދަންނަ ސަމާސާ މިޒާޖެއްގެ ބައެއްކަމަށް އެ މަޖައްލާއިން ބުނާއިރު އެމީހުންނަކީ ހަޔާތުގައި މަޖާކުރަންޖެހޭ ހާލަތްތަކާއި ސީރިއަސް ވާންޖެހޭ ހާލްތައްވެސް ރަނގަޅަށް ދަންނަ ބައެއްކަމަށް އެ މަޖައްލާއިން ވަނީ ބުނެފައެވެ.
މިއީ ޑޮކްޓަރުންނަށް ލިބިފައިނުވާ ސިފައަކަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަރުހުންނަކީ އާންމުކޮށް ރަނގަޅު ތައުލީމު ލިބިފައިވާ އަދި ހެޔޮ ވިސްނޭ ސިކުނޑިއެއްގެ ވެރިންތަކެއްކަމަށްވެސް ތޯޓްސް މަޖައްލާއިން ބުނާއިރު ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ވަނީ މި މަޖައްލާގެ އެ ބުނުންތަކަށް ބުރަވާންވީ އެއްވެސް ސަބަބެއް ދައްކާފައިނުވާކަން ފާހަގަކޮށް ފާޑުކިޔައިފައެވެ.