ޕީއެސްއެމް ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަ 30 ރުފިޔާ ބޮޑު ކޮށްދީފި
ދެންމެ | 02 އޯގަސްޓް 2023

ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަން އެކުންފުނިން މިއަދު މުވައްޒަފުންނަށް އަންގައިފިއެވެ. ނަމަވެސް ބައެއް މުވައްޒަފުންގެ މުސާރަ އަށް އިތުރުވީ -/30 ރުފިޔާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ދިން ޕީއެސްއެމްގެ މުވައްޒަފަކު މިއަދު ބުނީ ”ބައެއް މުވައްޒަފުންނަށް -/30 ރުފިޔާ އާއި -/50 ރުފިޔާގެ ކުރިއެރުމެއް ވަނީ ލިބިފައި.“ ކަމަށެވެ.

ނަމަވެސް ބައެއް ނޫސްވެރިންގެ މުސާރައަށް -/2000 ރުފިޔާގެ ކުރިއެރުމެއް ލިބުނު ކަމަށް ވެސް މައުލޫމާތު ދިން މުވައްޒަފަކު ބުންޏެވެ.

ބައެއް މުވައްޒަފުންގެ މުސާރަ އަށް ބޮޑު ކުރިއެރުމެއް ދިނީ ވަޒީފާގެ އޮނިގަނޑަށް ބަދަލު ގެނެސްގެންނާއި، ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޕީއެސްއެމް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި މިވަނީ މުސާރަ ކުޑަކަމުގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށެވެ. ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް މުވައްޒަފުންގެ މުސާރަ ބޮޑުކުރިއިރު ޕީއެސްއެމް އިން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ޚަބަރުތައް ގެނެސް ނުދޭތީ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!