އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައް ވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ”ފަސްމަންޒަރު“ ޕްރޮގްރާމްގައި ރީކޯ މޫސަ މިރޭ ވިދާޅުވީ، ރައީސަކަށް ހުންނަ މީހަކަށް ދެ ދައުރު ދޭން އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ކަމަށެވެ. އެގޮތުން އަސާސީ ގަވައިދުގެ ގަރާރެއްގައި އެގޮތަށް ލިޔެފައިވާނެ ކަމަށް ވިދާޅުވިއެވެ
”އަޅުގަނޑަށް ޔަގީންވާ އެކަކު އެބަހުރި ހަމަ ގައިމުވެސް. ރައީސް ސޯލިހު ވާދަކުރައްވާނެ. ޕްރައިމަރީއެއް ނޯންނާނެ،“ ރައީސް ސޯލިހުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް އިޝާރާތްކުރައްވައި މޫސަ ވިދާޅުވީ، އެ އިންތިހާބުގައި ހަގީގަތުގައި ވާދަކުރެއްވީ ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އެ އިންތިހާބުގެ ނަތީޖާއިން، އެނގުނީ ”ބޭނުންހާ ގޮތެއް“ އެމްޑީޕީއަށް ނުހެދޭނެ ކަން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، އެމްޑީޕީން އަންނަ އަހަރު ވެރިކަމަށް އަންނަން ބޭނުންވާނަމަ، އެމްޑީޕީގެ އެތެރޭގެ ތަޅާފޮޅުންތަކަށް ނިމުމެއް ގެންނަން ޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާމެދު ރައީސް ސޯލިހު އަދި ވަކި ގޮތެއް ނުނިންމަވައެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނުރަސްމީ ސިފައެއްގައި ވިދާޅުވެފައެވެ. އަދި އެކަމަށް ބާރުދެއްވައި ނަޝީދުގެ އަރިސް ބައެއް ފަރާތްތަކުން ވާހަކަ ދައްކަވާފައިވެސްވެއެވެ