ތަފާތު ހިސާބުތަކުން ދައްކާ ގޮތުން ގާތްގަނޑަކަށް އެމެރިކާގައި އެކަނިވެސް 59 މިލިޔަން ޕްރިސްކްރިޕްޝަންގައި ތަދު ކަނޑުވާ ބޭސް، ޑަކުޓަރުން ލިޔެދީފައިވާ ކަމަށް އެމެރިކާގެ އެމެރިކަން ސޮސައިޓީ އޮފް އެޑިކްޝަން މެޑިސިން އިން އާންމު ކޮށްފައިވާ ރިޕޯޓެއްގައި ވެ އެވެ. އަދި ދެ މިލިޔަން މީހުން ތަދުކަނޑުވާ ބޭހަށް ދެވި ހިފާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.
އެ ރިޕޯޓުގައި ވާ ގޮތުގައި ކުއްލިއަކަށް މަރުވާ މީހުންގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ބޭސް އޯވާ ޑޯޒް ވުމުގެ ސަބަބެވެ. ނަމަވެސް އިންސާނުން ތަދު ކަނޑުވާ ބޭހަށް ދެވި ހިފާ މިންވަރު އިންތިހާ ދަރަޖައަށް އިތުރުވަމުން އަންނަ ކަންވެސް އެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެ އެވެ.
ތަދު ކަނޑުވާ ބޭހުގެ ނުރައްކާ ފިރިހެނުންނަށް ވުރެ ބޮޑީ އަންހެނުންނަށް ކަމުގައި ޑޮކުޓަރުން ބުނެ އެވެ. އެގޮތުން އެމެރިކާގެ ކެރޮން ޓްރީޓްމެންޓް ސެންޓަރުގެ ސްޕެޝަލިސްޓް އަދި ޑިރެކްޓަރު އެރިކް ގުޑްހާޓް ފާހަގަކޮށްފައިވާގޮތުގައި އަންހެނުންގެ ހޯމޯންސް އުފެދިފައި ހުންނަ ގޮތުން ތަދުކަނޑުވާ ބޭހުގެ އަސަރު ފިރިހެނުންނަށްވުރެ އަންހެނުންނަށް ކުރާލެއް ބޮޑެވެ. ހަމަ އެބީދައިން ތަދު ކަނޑުވާ ބޭހަށް ދެވި ހިފުމުގައި ވެސް ފިރިހެނުންނަށްވުރެ އަންހެނުން ގިނަކަން ޑަކުޓަރުން ފާހަގަ ކުރެ އެވެ.
ޑޮކުޓަރުން ފާހަގަކުރާގޮތުގައި ތަދުކަނޑުވާ ބޭހަށް ދެވި ހިފާނަމަ އެކަމުން ދުރުވުމަކީ އުނދަގޫ ކަމަކަށް ވެ އެވެ. އަދި އެކަމުގެ ސަބަބުން އިންތިހާ ގެއްލުންތަކާއި ކުރިމަތި ވެ އެވެ. އެގޮތުން ކުދި ކުދި ތަދު ތަކަށް ވެސް ތަދު ކަނޑުވާ ބޭސް ކާން ފެށި، ތަދު ކަނޑުވާ ބޭހަކީ ކޮންމެ ދުވަހަކު ކާ އެއްޗަކަށް ވެގެންދާކަމަށް ޑޮކުޓަރުން ބުނެ އެވެ.
ތަދު ކަނޑުވާ ބޭސް ބޭނުންކުރަން ފެށުމުން ލިބިދާނެ ގެއްލުންތަކަށް ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ހިމެނޭއިރު ޒުވާން ދުވަސްވަރު ބާރުގަދަ ތަދުކަނޑުވާ ބޭސް ކާން އާދަކުރާނަމަ ސިކުނޑީގެ މައްސަލަތައް ކުރިމަތި ވުމާއި ބައެއް ކަހަލަ ނުކުޅެދުންތެރި ކަމާއި ކުރިމަތިވުން ހިމެނެ އެވެ.