އުރީދޫ ވޯލްޑް ކަޕް 2022 ގެ ނަމުގައި ކެމްޕެއިނެއް ފަށައިފި.
ދެންމެ | 24 މެއި 2022

މިއަހަރުގެ ނޮވެމްބަރު މަހުން ޑިސެމްބަރު މަހަށް ޤަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕް 2022 އާ ގުޅުވައިގެން އުރީދޫއިން ”އުރީދޫ ވޯލްޑް ކަޕް 2022″ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

މިއަދު ކްރޮސްރޯޑުގައި އޮތް ރަސްމިއްޔާތެއްގައި މި ކެމްޕެއިން ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު އަޙުމަދު މަޙްލޫފް އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދް ހަސަން އަލް-ހަމަދީ އަދި ކްރޮސްރޯޑުގައި ހުންނަ ހާޑް ރޮކް ހޮޓެލްގެ މެނޭޖަރ ޓޮލްގާ އުނާންއެވެ. މި ކެމްޕެއިން ފެށުމުގެ ގޮތުން ވަނީ ފުޓުބޯޅަ މެޗެއް ވެސް ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ އުރީދޫ މޯލްޑިވްސް އާއި ހާޑް ރޮކްގެ ޓީމެކެވެ. މި މެޗު 0-5 ން ކާމިޔާބުކުރީ ހާޑް ރޮކްއެވެ.

މިއަހަރުގެ ވޯލްޑް ކަޕްގެ އޮފިޝަލް ގްލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕަރޮވައިޑާއަކީ އުރީދޫ ޤަތަރެވެ. މިއާއެކު ވޯލްޑް ކަޕްގެ ހުރިހާ މެޗެއްގެ ލައިވް ފީޑް ދުނިޔޭގެ ހުރިހާ ގައުމަކަށް ފޮނުވާނީ އެ ކުންފުނިންނެވެ. މީގެ އިތުރުން މެދު އިރުމައްޗާއި އެފްރިކާ ބައްރުގެ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކީ ވެސް އެ ކުންފުންޏެވެ.

ރާއްޖޭގައި މި ފެށި ކެމްޕެއިނަކީ ވޯލްޑް ކަޕްގެ ފޯރި ގަދަ ކުރުމަށް ފެށި ކެމްޕެއިނެއް ކަމަށް އުރީދޫއިން ބުނެއެވެ. މީގެ އިތުރުން އުރީދޫން ބުނީ މި ވޯލްޑް ކަޕް ނިމެންދެން މި ކެމްޕެއިން ރާއްޖޭގައި ކުރިއަށް ދާނެ ކަމަށެވެ. އުރީދޫން ބުނި ގޮތުގައި މި ކެމްޕެއިންގެ ތެރެއިން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ވޯލްޑް ކަޕާ ގުޅޭ ޚާއްސަ އިވެންޓުތައް ހިމެނޭނެއެވެ. އަދި އުރީދުގެ ކަސްޓަމަރުންނަށް ޚާއްސަ އޮފަރ ތަކެއް ވެސް ލިބިގެންދާނެކަމަށެވެ. ހަރަކާތްތަކުގެ ތަފްސީލް މި ކެމްޕެއިންގެ ތެރެއިން ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!