ރައްޔިތުން ބުނެފިއްޔާ ޖަނގިޔާ ބާލާފަވެސް ދައްކަންޖެހޭނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހިމް، ރައީސް ސޯލިހަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުން ކަންބޮޑުވާ މައްސަލަ ތަކުގައި މައުލޫމާތު ސިއްރު ނުކުރެވޭނެ ކަމަށެވެ. ގާސިމް ވިދާޅުވީ އުތުރު ތިލަފަޅުގެ ވާހަކަ ރައްޔިތުން ކޮޅުންނުލާ ވަރަށް ދައްކާ އިރު ވެސް އެކަން ކަން ރައްޔިތުންނަށް ތިލަކޮށް ހަގީގަތް ހާމަކުރުމަށް ސަރުކާރުން ނޫޅޭ ކަމަށެވެ.
އުތުރު ތިލަ ފަޅުކަމަށް ވިޔަސް އަދި އެހެންތަނެއް ކަމަށް ވިޔަސް، ކަނޑުގެ މައްސަލަ ކަމަށް ވިޔަސް، އަދި އެހެން މައްސަލައެއް ކަމަށް ވިޔަސް ރައްޔިތުންނަށް ފޮރޮވަންޖެހޭ ރައްކާ ކުރަން ޖެހޭ ދައުލަތުގެ، ރައްޔިތުން އެކަމާ ކަންބޮޑުވެގެން ވާހަކަ ދައްކަން ފެށީމާ ހާމަ ކޮށްދޭން ނުޖެހޭ ކަންތައްތައް ވެރިކަން ކުރާއިރު ހުންނާނެތޯ ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ.
”ކާކަށްޓަކާ ކޮށްދޭ ވެރިކަމެއްތޯ މީ. ކޮންބަޔަކަށްޓަކާ ކޮށްދޭ ކަމެއްތޯ. ކާކު ކޮންޒިންމާއެއް ހަވާލުކޮށްގެން ކުރާ ވެރިކަމެއްތޯ. އެކަމަކު މާ އަބުއިވެފަ ނޫނޭ ނޫނޭ ދައުލަތުގެ ވެރިޔަކު އެހެން ދައުލަތެއްގެ ވެރިޔަކަށް ފޮނޮވާ ސިޓީ ހާމަ ކުރާކަށް ނުޖެހޭނެއޭ. ސިޓީ ވެސް ހާމަ ކުރަން ޖެހޭނެ. ޖަނގިޔާ ބާލާފަ ދައްކާށޭ ބުންޏަސް ދައްކަން ޖެހޭނެ އިނގޭތޯ ރައްޔިތުން ބުނެފިއްޔާ.“ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ “ ޖަނގިޔާ ބާލާފަ ދައްކާށޭ ބުންޏަސް ދައްކަން ޖެހޭނެ“ ކަމަށް އެވިދާޅުވީ ގާނޫނު އަސާސީގެ އިމުން ބޭރުން ވެރިކަން ކުރާނަމަ އެކަންކަން ބެލުމުގެ ބާރު ރައްޔިތުންނަށް ލިބިގެންވާ މާނައިގައި ކަމަށެވެ.
ރައްޔިތުން ނުރުހޭ ގޮތަކަށް ރައްޔިތުން އައްޔަނު ކުރާ މަގާމެއް ފުރުމުގެ އެއްވެސް ބާރެއް ރައްޔިތުންނަށް ލިބިގެން ނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން ހާމަކުރަންޖެހޭ ކަންކަން ހާމަ ކުރުމުން އެކަމުގައި ގޯހެއް ނެތް ނަމަ އެމަގާމެއްގައި ހުންނަ މީހަކަށް އެޕްރެޝަރެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ފޮރޮވަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.