ރިއާލްގައި ފުރަތަމަ ފެށުން ދިޔައީ ރަގަޅަކަށް ނޫން: ހަޒާޑް
ދެންމެ | 25 މެއި 2022

ރެއާލް މެޑްރިޑްގައި ކުޅުނު ފުރަތަމަ 3 ސީޒަން ދިޔައީ އެންމެ ރަނގަޅަށް ނޫން އެޓީމަށް ކުޅެމުން އަންނަ އެޑެން ހަޒާޑް ބުނެފިއެވެ.

ހަޒާޑް ބުނީ ޓީމުގައި ފުރަތަމަ ތިން ސީޒަން އެންމެ ރަނގަޅަށް ނުކުޅެވުމުން ކުރިއަށް އޮތް ސީޒަންގައި އޭނާގެ ތަފާތު ކުޅުން ދައްކަން ބޭނުންވާ ކަމަށެވެ. ޗެލްސީން ރެއާލްއަށް ހަޒާޑް ގެންދިޔައިރު އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނެވެ. ނަމަވެސް އަނިޔާގެ ސަބަބުން ހަޒާޑްއަށް ރެއާލްގައި މިހާތަނަށް އެކުޅުން ނުދެއްކެއެވެ.

ރެއާލްއާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަންނަ އަހަރުގެ ޖޫން މަހުއެވެ.

މީގެ ކުރިން އަޑުތައް ފެތުރިފައިވާ ގޮތުން ރެއާލްއިން މަސައްކަތް ކުރާނީ ކުރިއަށް އޮތް ސަމަރ ޓްރާންސްފަރ މާކެޓުގައި ހަޒާޑް ވިއްކާލުމަށެވެ. އެއީ އަނިޔާގެ ސަބަބުން ގިނަ ދުވަހު ކުޅުމާއި ދުރުގައި އޭނާ މަޑުކުރަންޖެހުމުންނެވެ. އަދި އަނިޔާގެ ސަބަބުން އޭނާއަށް ޓީމުގައި ރަނގަޅު ކުޅުމެއް ފާއިތުވި ދުވަސްތަކުގައި ދެއްކިފައި ނުވާތީއެވެ.

ނަމަވެސް ޓީމުގެ ކޯޗު ކާލޯ އަންޗެލޯޓީ ބުނީ މިއަންނަ ސީޒަނަށް ހަޒާޑް ކްލަބުގައި މަޑުކުރާނެ ކަމަށެވެ. އަދި ހަޒާޑްގެ ޕްލޭން ވަރަށް ސާފު ކަމަށާއި، އޭނާ ބޭނުންވަނީ މިއަންނަ ސީޒަންގައި އޭނާގެ ކޮލިޓީ ދައްކާލަން ކަމަށްވެސް އަންޗެލޯޓީ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!