ހިޔާ ފްލެޓްގައި ރޭގަނޑު އަޑުގަދަވާ މަސައްކަތް ކުރުން މަނާ.
ދެންމެ | 25 މެއި 2022

ހިޔާ ފްލެޓްތަކުގައި ރޭގަނޑުގެ ވަގުތުގައި އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މަނާކޮށްފިއެވެ.

އެޗްޑީސީން ނެރެފައިވާ އެންގުމެއްގައި ވަނީ އިރުއޮއްސި 6:00އިން ފެށިގެން ހެނދުނު 8:00އާ ހަމައަށް، އަޑު ގަދަވާގޮތަށް ފެލްޓްތަކުގެ ތެރޭގައި މަރާމާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއްކަމަށެވެ. މިގޮތަށް ކަނޑައަޅާފައިވަނީ ހިޔާ ފްލެޓްތަކަށް މިހާރު ގިނަ އަދަދެއްގެ އާއިލާތަކުން ދިރިއުޅުން ބަދަލު ކޮށްފައި ވުމާއި، ރޭގަނޑުގެ ވަގުތުގައި އަޑުގަދަވާގޮތަށް މަސައްކަތްތައްކުރުމުން ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އޭގެ އުނދަގޫތަކާއި ކުރިމަތި ވާތީއެވެ. މިކަމުގެ ޝަކުވާ ހިޔާގައި ދިރިއުޅޭ މީހުންވެސް ދަނީ ކުރަމުންނެވެ.

އަދި ހުއްދަ ދީފައިވާ ގަޑިތަކުގައިވެސް މަސައްކަތް ކުރާއިރު، އެހެން ފްލެޓްތަކާއި، ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދަތި ނުވާގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާ ފްލެޓަށް އާއިލާތަކުން ދިރިއުޅުން ބަދަލުކުރަން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މިހާތަނަށް އައިއިރު، 4500އަށްވުރެ ގިނަ ޔުނިޓްގައި މީހުން ދިރިއުޅެން ވަނީ ފަށާފައެވެ. ހިޔާ މަޝްރޫޢުގައި ހިމެނެނީ 6720 ހައުސިންގ ޔުނިޓެވެ.

ހިޔާ ހައުސިންގް ޔުނިޓްތައް ދޫކުރަން ފެށީ ގޭގެ އެތެރޭގެ މަސައްކަތްތައް ނުނިންމައެވެ. މުށި ޖެހުމާއި ދޮރު ހަރުކުރުމާއި، ބޭނުންވާ ފަރުނީޗަރާއި ކަބަޑުސެޓު ޖެހުންފަދަ ކަންކަން ކުރިއަށްގެންދަން ޖެހުނީ އަމިއްލައަށެވެ. އެހެންކަމުން ގިނަ ފްލެޓްތަކެއްގައި އަދިވެސް މަރާމާތުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށެވެ.

ހިޔާ ސަރަޙައްދުގެ 16 ޓަވަރުގައި ދިރިއުޅޭ ޖުމްލަ އާބާދީ މިހާރު 30000އާ ގާތްކުރެއެވެ.

މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާ ބޮޑު އާބާދީއެއް އާބާދުވި ފުރަތަމަ ސަރަޙައްދެވެ. އަދިވެސް މުޅި ސަރަޙައްދު ފެންނަނީ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައެވެ. ހައުސިން މަޝްރޫޢުތަކާއި، މަގު ހެދުމާއި،ސްކޫލް އިމާރާތްފަދަ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް އެ ސަރަޙައްދުގައި ދަނީ ކުރިއަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!