ސިޔާމަކީ ގެއްލިފައި ހުރި ޖަވާހިރެއް ފަދަ މުދާ ގަނޑެއް: ރައީސް އިބުރޭ
ދެންމެ | 13 އޯގަސްޓް 2023

މަޝްހޫރު ވިޔަފާރިވެރިޔާ، އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް (ސަން ސިޔާމް) އެމްޑީޕީގެ ކޯލިޝަންގައި ހުންނެވުމުން ބޭރުގެ ފަރާތްތަކުންދޭ ފައިސާ ލިބުން ފަސޭހަވެގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޕެއިނަށް ނ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، އެމަނިކުފާނުގެ ޓީމުގައި ތިއްބެވީ ރާއްޖޭގެ އިގްތިސާދާއި ރައްޔިތުން އެދޭ އެދުންތައްވެސް ގާތުން ބައްލަވާ، އެކަންކަން އެނގޭ ބޭފުޅުން ކަމަށެވެ.

އެގޮތުން ރައީސް ޞާލިހު ގެ ސަރުކާރުގައި، އިގްތިސާދީ ގޮތުން ގެންނަ ކުރިއެރުން ތަކުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ މީދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަ ސިޔާމް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުޅި ޓޫރިޒަމް ބަދަލުކޮށްލުމުގެ އެއް މޭސްތިރި އޭނާ (ސިޔާމް) އެއީ. މިއަތޮޅުންވެސް އެކަން ފެންނާނެ.

އެހެންކަމުން ސިޔާމް އާއި އެކީގައި އެކުލަވާލާ ސަރުކާރަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ނިންމޭ ވަރަށް ރަނގަޅު ނިންމެވުމަކަށް ވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، ކެމްޕެއިން ފެއްޓެވި ފަހުން ބޭރުގެ ބައެއް ބޭފުޅުންނާއި ބައްދަލުވެ ވާހަކަ ދެކެވިފައިވާ ކަމަށެވެ. ވެރިކަމުގެ އައު ދައުރަކަށް ކުރިމަތިލެއްވިއިރު ކޯލިޝަންގައި ތިއްބެވީ ކޮން ބައެއްތޯ އެ ބޭފުޅުން ސުވާލު ކުރައްވާ ކަމަށެވެ. ސިޔާމް ހުންނެވި ވާހަކަ ވިދާޅުވުމާއެކު އެއީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް ވިދާޅުވާ ކަމަށާ އަދި ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!