ފިނިފެންމާ ލޯންޗް ބަޔަކު ގޮއްވާލީ އަދީބު ސިޔާސީ ހަޔާތް ފުޑާލަން: ޔާމީން ތަރުޖަމާން.
ދެންމެ | 25 މެއި 2022

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ޙާދިސާއާ ގުޅޭގޮތުން މުއާޒް ވިދާޅުވީ، އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ހުރިހާ މީޑިއާތަކަށް ދައުވަތު ދެއްވީ ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން މި ބައްދަލުވުމަކީ މުހިއްމު ބައްދަލުވުމެއްކަމަށް ރައީސް ޔާމީނު ވިސްނަވައިދެއްވިކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވީ، އެމަނިކުފާނު ޓީވީއެއް ކުރިމައްޗަށް އަރާވަޑައިގަތުމަކީ ނުހަނު އުނދަގުލުން ކުރެވޭ ކަމަށެވެ.

އެހެންނަމަވެސް، އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަން އެދިވަޑައިގަތީ ރައީސް ޔާމީނު އަމިއްލަފުޅަށް ކަމަށް މުއާޒް ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުން ބާއްވަންވީ ވަކި ތަނެއްވެސް ކަނޑައެޅުއްވީ ރައީސް ޔާމީނުކަމަށް އޭނާ ވިދާޅުވިއެވެ.

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ހިނގި ދަތުރުފުޅުގައި ރައީސް ޔާމީން އަމަލުކުރެއްވީ އެހެން ދަތުރުފުޅުތަކުގައި އަމަލު ކުރައްވާ ގޮތަށް ނޫންކަމަށް މުއާޒް ވިދާޅުވިއެވެ.

އެ ވާހަކަދައްކަވަން ނުހަނު އުނދަގޫކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ލޯންޗު ގޮވި ޙާދިސާ ހިނގި ދުވަހު ނުހަނު ބާރަށް ހިންގަވާފައި ލޯންޗަށް އަރާވަޑައިގެންނެވި ކަމަށެވެ. އެ ދުވަހު ކުރީގެ ދަތުރުފުޅުތަކާ ތަފާތުކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، އެއީ ހަމައެކަނި ރައީސް ލޯންޗުގައި އިންނަވާ ގޮނޑިކޮޅު ނޫން ގޮނޑިކޮޅެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅުކަމަށް މުއާޒް ވިދާޅުވިއެވެ. ލޯންޗްކޮޅަށް އަރައި ވަޑައިގަންނަވާ ރައީސް ޔާމީން އެދުވަހު އިށީނދެވަޑައިގަތީ އާންމުކޮށް އިށީނދެވަޑައިގަންނަވާ ގޮނޑިކޮޅުގައި ނޫން ކަމަށާއި، އެގޮނޑިކޮޅުގައި އިށީނދެވަޑައިގަތީ އެމަނިކުފާނުގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް ކަމަށް އޭނާ ވިދާޅުވިއެވެ.

މުއާޒް ވަނީ އެ ދުވަހު އެއްވެސް ވަރަކަށް އަލިފާން ފެނިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެފައެވެ. މުއާޒު ވިދާޅުވީ ލޯންޗްކޮޅުގައި އެއްޗެއް ގޮވިއިރު، އަޑު ހުރީ ރައީސް ކަމަށް ހުވާކުރައްވާއިރު، އެމްއެންޑީއެފުން އަރުވާ 21 ބަޑީގެ ސަލާމްގެ އަޑު ހުންނަ ގޮތަށް ކަމަށެވެ. އަދި ލޯންޗްކޮޅުން އަލިފާނުގެ އެއްވެސް އަސަރެއް، ކުލައެއް ފެނިފައިނުވާކަމަށް މުއާޒު ތަކުރާރުކޮށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގުޅުއްވައި ފިނިފެންމާ ލޯންޗާ ގުޅޭ އައު ހޯދުންތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ވަރަށް އަވަހަށް ނޫސްވެރިންނަށް އެކަން ހާމަކޮށްދެން އެދިވަޑައިގެންނެވިކަމަށް މުއާޒް ވިދާޅުވިއެވެ. އެއީ އަމިއްލަ ނަފްސަށް ބަލައިނުގެންނެވުނު ހަމައެކަނި ނޫސްވެރިންގެ ބައްދަލުވުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނަށް އެކުލަވާލެއްވުމަށްފަހު އެކޮމިޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީވެސް އުމަރު ނަސީރުއެވެ.

އެ ދުވަހު އުމަރު ދެއްވީ ސީޑީއެއް ކަމަށާއި، ހަމައެކަނި އެދިވަޑައިގެންނެވީ އެ ސީޑީގައިވާ ވީޑިއޯ ނޫސްވެރިންނަށް ދައްކާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ލޯންޗުކޮޅުން އަލިފާން ފެނުމުން ހައިރާންވެވަޑައިގެންނެވި ކަމަށާއި، އެލޯންޗުގައި ތިއްބެވި އެހެން ބޭފުޅުންނާއި ސުވާލުކުރުމުން ވެސް އެބޭފުޅުންނަށް އަލިފާނުގެ އެއްވެސް ކަމެއް ލޯންޗްކޮޅުން ނުފެންނަ ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށް މުއާޒު ފާހަގަކުރެއްވިއެވެ.

މުއާޒު ވިދާޅުވީ އެވީޑިއޯއިން އަލިފާން ފެންނަތީ އެއީ ކޮންތާކުން ހޯދި ވީޑިއޯއެއްތޯ ސުވާލު ކުރުމުން އެއީ ރައީސް އޮފީހުގެ ކެމެރާއަކުން ނެގިފައިވާ ވީޑިއޯ އެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގެ އެއްވެސް މުއައްޒަފަކު ހުޅުލެއިން، މާލެއަށް އަންނަންދެން ކެމެރާ ރިކޯޑް ކޮށްގެން ހުންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއާޒް ސިފަކުރައްވާ ގޮތުގައި މި މުޅި ގޮވުމަކީ އަހުމަދު އަދީބުގެ ސިޔާސީ ޙަޔާތް ނިންމާލުމަށް ގޮއްވާލި ގޮއްވާލުމެކެވެ. އެގޮތުން މި މައްސަލައިގައި އޭރު ތަހުގީގުކޮށް ދައުވާ އުފުލައި އެ ކަންކަން ކުރިއަށްދިޔައީ ހަމައެކަނި އަދީބަށް ފޯކަސް ކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް