އަޙުމަދު މޫސާ އަށް ނޭނގި މޯލްޑިވްސް ނޭޝަނަލް ޕާޓީ، ނުވަތަ އެމް.އެން.ޕީގައި ދަފުތަރުކޮށްފައިވާ ކަމަށް ވިދާޅުވެ، އެކަން ކުށްވެރިކޮށް އޭނާ ވަނީ ބަޔާނެއް ނެރުއްވައިފައެވެ.
މިބަޔާނުގައި އަޙުމަދު މޫސާ ތުހުމަތުކުރައްވާ ގޮތުގައި އޭނާ ފަދަ ސިޔާސީ ޙާރަކާތްތެރި އަދި ގިނަ ބަޔަކު ދަންނަ މީހަކު އެ ގޮތަށް ވަގަށް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވާއިރު، ސިޔާސީ ޙަރަކާތްތަކުގައި އެހާ ޢަމަލީ ނޫން މީހުން މި ފަދަ ގޮތަކަށް ޕާޓީތަކަށް ވަގަށް ވައްދައިފައި ހުންނާނެ މިންވަރު އަންދާޒާކުރާން ނޭނގޭހާ ގިނަވާނެއެވެ.
ޕީޕީއެމްގެ މާވަށު ސްޓިއަރިން ކޮމެޓީގެ ރައީސްކަންވެސް ކުރައްވާ އަދި ޕީޕީއެމް އުފެދުނީއްސުރެ އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ އަޙުމަދު މޫސާގެ ބަޔާނުގައި ވިދާޅުވީ އޭނާއަކީ ރައީސް ޢަބްދުއް ﷲ ޔާމީނަށް ވަރަށް ބޮޑަށް ތާއީދުކުރާ ޤައުމީ ފިކުރުގެ މީހެއް ކަމަށާއި އެކަން އޭނާ ދަންނަ އެއްވެސް މީހަކަށް އޮޅިފައި ނޯންނާނެ ކަމަށެވެ. އޭނާ އިތުރަށް ބަޔާންކުރައްވައިފައިވަނީ ”ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުން ލިބޭ ކަންކަން އަމިއްލަ ފައިދާއަށް ޓަކައި ވަރިހަމަކޮށްލައިގެން އުޅޭ އެއްވެސް މީހަކަށް އަދި އެ ފަދަ މީހަކަށް ނިސްބަސްވާ ސިޔާސީ ޕާޓީއަކަށް ދުވަހަކު ވެސް ތާއީދުކުރާނެ މީހެއް ނޫން“ ކަމަށް ވާއިރު އެފަދަ ޕާޓީއެއްގައި އޭނާ ރަޖިސްޓަރީކުރި ކުރުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވެސް ވަނީ މިކަން ކުށްވެރި ކުރައްވައިފައެެވެ. ސަޢީދު ވިދާޅުވި ގޮތުގައި އަޙުމަދު މޫސާ އަކީ ޕީޕީއެމް އާއި ރައީސް ޔާމީން ގެ ފިކުރުގައި ޤައުމަށް ނުހަނު އަގުހުރި މަސައްކަތްޕުޅު ތަކެއް ވަރަށްފާޅުގައި ކުރައްވާ ހީވާގި ކެރޭ ބޭފުޅެއްކަމަށެވެ.
އަޙުމަދު މޫސާ ތުޙުމަތު ކުރައްވާ ގޮތުގައި މި ފަދަ ވައްކަންތައް މި ހިންގަނީ އެ ކަންކަން ފަސޭހައިން ކުރެވޭ ފަދަ މަގާމެއްގައި ހުންނަ ކޮންމެވެސް މީހެއްގެ ނުވަތަ ބަޔެއްގެ އެހީތެރިކަން ލިބިގެންނެވެ. އެހެންކަމުން އެ ފަދަ ހަޑި މުޑުދާރު ޢަމަލުތައް ކުށްވެރިކޮށް ޕާޓީތަކުގެ މެންބަރުން މި ކަމަށް ސަމާލުކަން ދޭން އޭނާ އިލްތިމާސްކުރައްވައެވެ.