ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފު އާއި ކައުންސިލްގެ މެމްބަރުން، ދަ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން އެކަމަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވާހަކަ ފުޅުދައްކަވައިފިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުން ޖެހިވަޑައިގަތީ ވަގުތީ އުފަލުގެ އަޖަލުގައި ކަމަށާއި އެއީ ޟަމީރުގެ ބަލިކަށި ކަމެއް ކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބައެއް ޒުވާނުން ވަގުތީ ފައިދާގެ ދަޅައިގައި ވަރަށް އަވަހަށް ޖެހިދާ ކަމަށާއި ކުޅުދުއްފުށި ރައްޔިތުންނަކީ އެހާ އަވަހަށް ޟަމީރު ގުޑާ ބައެއް ކަމަށް ގަބޫލު ކުރެއްވިފައި ނެތް ކަމަށެވެ.
ކުޅުދުއްފުށީގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި ނަމަވެސް އެއިން ބޭފުޅެއްގެ ނަން ވިދާޅެއް ނުވެ އެވެ.
މެމްބަރު ޔާސިރާއި، ކައުންސިލްގެ ހަތް މެމްބަރުން ދަ ޑިމޮކްރެޓްސް އިން ވަކިވުމަށްފަހު އަލުން އެމްޑިޕީއަށް ބަދަލުވެ، އެމްޑީޕީގެ މެމްބަޝިޕް ފޯމް ހަވާލު ކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާކު، ސޯލްޓު ކެފޭ އިމާރާތުގައި ހުންނަ އެ މަނިކުފާނުގެ ކެމްޕޭނު އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޒުވާނުން މައިދާނަށް ނެރުއްވުމަށް އިންތިހާއަށް މަސައްކަތްތައް ކުރައްވާ ކަމަށާއި އެފަދަ ފުރުސަތު ދެއްވި، އަދި ގާތްކަން ބެހެއްޓެވި އެކަކީ ކުޅުދުއްފުށީ ޒުވާނެއް ކަމަށެވެ.
”އޭގެ ތެރެއިން އެއް ކުއްޖަކު މަޖިލީހުގެ މުގައްރަރަކަށް ހަދައި މަޖިލީހުން ލިބެމުންދިޔަ ހުރިހާ ފުރުސަތެއް އަރުވަމުން ގެންދިޔައިން. އަދި އެ ބޭފުޅާއާ އެކުގައި ހުސް ވަގުތާއި ވީހާވެސް ގިނައިން މަޝްވަރާކޮށް ވާހަކަ ދައްކާ ހަދަމުން ގެންދިޔައިން. އެހެން ނަމަވެސް ވަގުތީ ފައިދާގެ ދަޅައިގައި ޒުވާން އުމުރުގައި ބައެއް ބޭފުޅުން ޖެހިދޭ،“ ނަޝީދު ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ކެމްޕެއިން ދަތުރުފުޅެއްގައި ކުޅުދުއްފުށްޓަށް މިއަދު ވަޑައިގެން ބޭއްވި އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ ތަރައްގީގެ ތަސައްވުރެއް އޮންނާނެ ކަމަށެވެ. ނަމަވެސް، ރައްޔިތުން ދޭ ތާއީދު، ވިޔަފާރި މުއާމަލާތަކަށް ހަދައި އޭގެ ތެރެއިން ދެތިން މީހަކަށް މިލިއަނުން ފައިސާ ލިބޭކަށް ރައްޔިތުން ނޭދޭނެ ކަމަށެވެ.
ޔާސިރު ވަރަށް ކުއްލި ގޮތަކަށް ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ސަބަބެއް އަދިވެސް ހާމަ ނުކުރައްވާއިރު، އޭނާއަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި އެންމެ ފުރަތަމަ މަޖިލީހުން ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން މެމްބަރެކެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ އެ ޕާޓީގެ ހަރަކާތްތަކުން ނުފެނެ އެވެ.
ގުޅުންހުރި ލިޔުންތައް