އަރަބި ބަސް ކިޔަވައި ދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭ ސެމިނާއެެއް މިއަދު ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ހޯލްގައި ފެށި އެ ސެމިނާ އަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިންގަވާ އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޓީޒް އިން ކުރިއަށް ގެންދާ އެއްޗެކެވެ. މި ސެމިނާގައި، ރާއްޖޭގައި ޢަރަބި ބަސް ކިޔަވައިދިނުމުގައި ޝާމިލުވާ ނުވަ މުއައްސަސާއަކުން، ޖުމްލަ 30 ބޭފުޅުން ބައިވެރިވެ އެވެ.
އޭގެ ތެރޭގައި މުއައްސަސާތަކުގެ އިސްވެރިންނާއި ފެކަލްޓީތަކުގެ ޑީނުންނާއި ޕްރިންސިޕަލުންނާއި ލެކްޗަރަރުންނާއި މުދައްރިސުންނާއި ދަރިވަރުން ވެސް ހިމެނެ އެވެ.
މިއީ ރާއްޖޭގައި ޢަރަބި ބަސް އުނގެނުމާއި އުނގަންނައި ދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، އިސްލާމިކް ވޯލްޑް އެޑިއުކޭޝަނަލް، ސައިންޓިފިކް، ކަލްޗަރަލް އޮގަނަޒޭޝަން (އިސެސްކޯ) ގެ ފަންނީ ލަފާގެ އަލީގައި، ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުން މިހާރަށް ވުރެ ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމަށް، އިލްމު އިންސްޓިޓިއުޓާއި އިސެސްކޯއާ ގުޅިގެން ބާއްވާ ސެމިނާއެކެވެ.
މި ސެމިނާ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 29 ގެ ނިޔަލަށެވެ.