ޑީއާރުޕީއަށް މީހުން ވަންނަލެއް ގިނަކަމުން ޖާބިރު ވެރިކަމަށް ކުރިމަތި ލަނީ.
ދެންމެ | 27 މެއި 2022

ޑީއާރްޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ އެޕާޓީއަށް މީހުން ވަންނަލެއް ގިނަކަމުން ކަމަަށް އެ ޕާޓީގެ ލީޑަރު، އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ޖާބިރު ވިދާޅުވީ، އޭނާ ހޮވިއްޖެނަމަ، ރާއްޖޭގެ ހާރިޖީ ވުޒާރާ މާ މައްޗަށް ގެންދަވާނެ ކަމަށާއި، މިހާރުގެ ވަޒީރު، އަބްދުﷲ ޝާހިދަށް އަދި އެއްވެސް ކަމެއް ނުވާ ކަމަށެވެ.

”ޑީއާރްޕީގެ ލީޑަރަށްވީމަ މިހާރު އަޅުގަނޑުމެން ޕާޓީއަށް މީހުން ވަންނަމުންދާލެއް ގިނަކަމާއެކު، މިހާރު މި ގޮވާލަނީ، ޑީއާރްޕީން އަޅުގަނޑު ކުރިމަތިލައިގެން ވާދަކުރާނަމޭ. އަމާނާތްތެރިކުރާނަމޭ. ފޮރިން ސަވިސަސް މިއަށްވުރެ މާ މައްޗަށް ގެންދާނަމޭ. އަދި ޝާހިދަށް ވުރެ މާ މައްޗަށް ގެންދެވޭނޭ. ޝާހިދަށް އަދި މައްޗަކަށް ނުގެންދެވުނުތާ.“ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ޝާހިދަށް ކުރެވުނު ކަމެއް، މަޖިލީހަށް އައިސް ކިޔައިދޭން ޖެހޭ ކަމަށެވެ. ރާއްޖޭގެ ކަންކަން ހަމަމަގަށް އެޅުވުމަށް ޓަކައި ފޮރިން ސަވިސް ވަރަށް މުހިންމުވާނެކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ، އަނބުރާ ލިބޭއެއްޗެއް ބަލަން ބޭނުންވާ ކަމަށެވެ.

ޖާބިރު ވަނީ އޭނާ ގައިގާ ތަޅައިގެން މައްސަލައަށް އިޝާރާތްކުރައްވާވެސް މިއަދު މަޖިލީހުގައި ވާހަކަދައްކާފައެވެ. އޭނާ ވަނީ އެކަން ކުރީވެސް މިނިސްޓަރު ޝާހިދު ބަޔަކު ފޮނުވައިގެން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

”އަޅުގަނޑުގެ އަތުގައި ހުރި ގެސްޓު ހައުސް ފޭރިގަންނަނަން ޝާހިދު މީހަކަށް ލާރިދީފައި އަޅުނޑު ގައިގައި ތަޅައިގަތުމަކީ ރަނގަޅު ކަމެއް ނޫނެއްނު. އަޅުގަނޑު ގަބޫލެއް ނުކުރާނަން އެ ކަމެއް. ދަރަވަންދޫގެއަށް ލައްކަ ފުރުސަތު ލިބިއްޖޭ. އަދިވެސް ދަރަވަންދޫގެއިން ރާއްޖެ އޮޕަރޭޓު ކުރަންވެއްޖެއްޔާ އުނދަގޫވާނޭ އަޅުގަނޑުމެންނަށް“ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، މިހާރު ރާއްޖެއަށް އައިސްގެން އުޅެނީ ބަހާރު މޫސުން ކަމަށާއި، މިއީ މުސާރަ ބޮޑުވާ، އިންތިޚާބުތައް ކާމިޔާބުކުރާ، ނުކުރެވިއްޖެ މީހާ ދެރަވާ، ކާމިޔާބުވާ މީހުން ދެރަވާ މޫޫސުން ކަމަށެވެ. މި މޫސުމުގައި ފުލުހުންގެ މުސާރަވެސް ބޮޑުވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑީއާރްޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ 2005ވަނަ އަހަރު އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް ފަހުން ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފަ އެވެ. ޑީއާރްޕީގެ ވަގުތީ ލީޑަރުކަން މިވަގުތު ކުރައްވަމުން ގެންދަވަނީ ޖާބިރު އެވެ.

އިލެކްޝަން ކޮމިޝަނުގެ ޕާޓީތަކުގެ ދަފްތަރުން ދައްކާގޮތުގައި ޑީއާރްޕީގައި މިއަހަރުގެ 15 ފެބުރުވަރީގެ ނިޔަލަށް ތިއްބެވީ 2280 މެމްބަރުންނެެވެ. ޑީއާރްޕީއަކީ މިވަގުތު މެމްބަރުން ހަމަނުވާ އަދި އެންމެ މަދުން މެމްބަރުން ތިބި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެއް ޕާޓީ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!