“ބޯ ކަނޑާލެވިދާނެ ބޯ ގުދެއް ނުކުރާނަން“ ކަމަށް ވިދާޅުވެ ޗަންޕާ އުއްޗުގެ އަސަރުން ފުރިގެންވާ ވަތަނީ ވަންތަ ގައުމީ ލަވައެއް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމަށް ފޮނުއްވައިފި އެވެ.
ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި އެލަވަ ހިއްސާ ކުރައްވާ ބުނެފައި ވަނީ އެމަނިކުފާނުގެ އެކުވެރި އުއްޗު އެ ލަވަ ފޮނުއްވީތީ ސުކުރު ދަންނަވާ ކަމަށެވެ. އަދި ގައުމުގައި ތަކުރުން އަދިވެސް ތިބިކަން އެނގިގެންދާ ކަމަށް ގާސިމް ޓުވީޓުގައި ބުނެފައި ވެއެވެ.
މީ އަޅުގަނޑުގެ އެކުވެެރި މުޙަންމަދު މޫސާ (އުއްޗު) އަށް އެމަނިކުފާނުގެ އެކުވެެރިއަކު ފޮނުއްވި ހަދިޔާއެއް. އަޅުގަނޑަށް މިލަވަ ފޮނުއްވީތީ ވަރަށް ޝުކުރުވެެރިވަން. މިގައުމުގައި އަދިވެސް ‘ތަކުރުން’ ތިބިކަން ވަރަށް ރަގަޅަށް އެބަ ދޭހަވެ.
🇲🇻🇲🇻🇲🇻🇲🇻🇲🇻 pic.twitter.com/cujAgCdyWT— Qasim Ibrahim (@qasimibrahim) August 20, 2023
ނުފޫޒުގަދަ ވިޔަފާރިވެރިޔާ ގާސިމަށް ފޮނުވާފައިވާ ލަވައިގައި މިނިވަން ކަމާއި އެކު ވިހުރެވެމުންދާ ގައުމީ ދިދަ ވެއްޓެން ފުރުސަތު ނުދެއްވާނެ ކަމަށް ބުނެފައި ވެއެވެ. އަދި ގައުމުގެ ދެކޮޅުގައި ބޭސް ހަދައިގެން ތަމްރީނު ހަދަމުން ދިޔަ ނަމަވެސް ބޯ ގުދު ނުކުރާނެ ކަމަށް ބުނެފައި ވެއެވެ.
އުއްޗުގެ ލަވައިގައި ހެލިކޮޕްޓަރާއި ޑޯނިޔާ ބޯޓްތައް ގެނެސްގެން އުޅުނެސް ގައުމަށް ގައްދާރުވެ ގައުމު ވިއްކަމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި ފިލާތިބެ ގައުމު ލޯނަށް ވިއްކާ ނިންމާލާފައިވާ ކަމަށާއި ލޯނު ދެއްކެން ނެތުމުން ވެގެންދާނެ ގޮތް ވިސްނޭ ކަމަށް ވިދާޅުވެފައި ވެއެވެ.
ލަވައެއް ގާސިމް ޓުވީޓް ކުރައްވާފައިވާއިރު ގިނަ އަދަދެއްގެ އިންޑިޔާ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ކަމަށް ރައްޔިތުން ތުހުމަތު ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ.