ބުޅި އިސްތަށިގަނޑަކީ ކިތަންމެ ވަރުގަދަ ވެފަ ރީތި ވިޔަސް ގެންގުޅެން ވަރަށް އުނދަގޫ ވައްތަރެއްގެ އިސްތަށިގަނޑެކެވެ.
ސިއްހަތު ރަނގަޅު ބުޅި އިސްތަށިގަނޑެއްގެ ވެރިޔެއް ކައިރިން އިސްތަށިގަނޑު ރަނގަޅު ސިއްހަތެއްގައި ބަހައްޓަނީ ކިހިނަކުންތޯ އަހާލުމުން ގިނަފަހަރު ޖަވާބުދޭން ނޭގި ނުވަތަ ވަރަށް އުދަގޫކަމެއްކަމަށް ބުނާ ފަހަރު އާދެއެވެ.
ބުޅި އިސްތަށިގަނޑުގެ ސިއްހަތަށް އެންމެ ރަނގަޅު އެއް ކަމަކީ އެއްވެސް ކަހަލަ ޝޭމްޕޫއެއް ބޭނުންނުކޮށް ބޯ ދޮވުމެވެ. ރީތި ފެނުން ބޯ ސާފުކޮށް ދޮވުމަށްފަހު ކޮންޑިޝަނާރއެއް އެކަނި ބޭނުންކުރުމުން އިސްތަށިގަނޑުގެ ރީތިވެ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުވާކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް ބުޅި އިސްތަށިގަނޑަކީ ގޮށް ޖެހުން އިންތިހާއަށް ބޮޑު ވައްތަރެއްގެ އިސްތަށިގަނޑެއްކަމުން އެކަމަށްވެސް ވަނީ ހައްލެއް ހޯދާފައެވެ. ހައްލަކީ ދޭތެރެ ބޮޑު ފުނަލެއް ބޭނުންކޮށްގެން އިސްތަށިގަނޑުގެ ބުޑުން ފަށައިގެން މަޑުމަޑުން އިސްތަށިގަނޑުގެ ނިމޭ ހިސާބަށް ފުނާ އެޅުމެވެ.
އިސްތަށިގަނޑުގެ ދިގުމިނަށް ބަލައި މިކަމަށް ގިނަ ވަގުތު ނެގިނަމަވެސް އިސްތަށިގަނޑުގެ ގޮށް ފިލުވާނެ މޮޅު އެހެން އުކުޅުތައްވެސް ހުރެއެވެ. މިސާލަކަށް ޔޯގަޓް، އޮލިވް އޮއިލް އަދި ބިސް ފަދަ ތަކެތި ބޭނުންކޮށްގެން އިސްތަށިގަނޑަށް ބޭނުންކުރެވޭ ފޮމިއުލާތަކަކީ އިސްތަށިގަނޑުގެ ގޮށް ފިލުވުމުގެ އިތުރުން އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކުރުމަށްވެސް އޮތް ގޮތެކެވެ.
ބުޅި އިސްތަށިގަނޑެއް ތުވާލިން ހިއްކުމަކީވެސް ރަނގަޅު ކަމެއް ނޫންކަމަށް ހެއާ ސްޓައިލް ކުރާ ބައެއް ފަރާތްތަކުން ބުނާއިރު ތުވާލި ބޭނުންކުރާނަމަ އެންމެ ރަނގަޅު ގޮތަކީ މަޑު މަޑުން އިސްތަށިގަނޑު ހިއްކުންކަމަށް ވަނީ ބުނެފައެވެ. އަނެއް ބައި ފަރާތްތަކުން ވަނީ ތުވާލީގެ ބަދަލުގައި ބޯހިއްކުމަށް ޓީ-ޝާރޓް މެޓީރިއަލްގެ އެއްޗެއް ބޭނުންކުރުމަށްވެސް ނަސޭހަތްތެރިވެފައެވެ.
މިއީ ބުޅި އިސްތަށިގަނޑެއް ގެންގުޅޭ ފަރާތްތަކަށް އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.